އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ އަވަށްޓެރި ސްރީލަންކާއިން ގަވައިދާ ހިލާފަށް ބޭރު ފައިސާ ބޭރު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި، އިންޑިއާ ރައްޔިތެއް ހައްޔަރު ކޮށްފިއެވެ.

ގާތްގަނޑަކަށް 40 މިލިއަން ރުޕީޒްއަށް ވާހާ ބޭރު ފައިސާ، ގަވައިދާ ހިލާފަށް ބޭރު ކުރަން ނުވަތަ ސްމަގަލް ކުރަން އުޅުނު ކަމުގެ ކުށުގައި، އިންޑިއާ މީހާ ހިފަހައްޓާފައި ވަނީ ބަންޑާރަނަޔަކު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިގޯ އެއާލައިންސްގެ ފްލައިޓެއްގައި އިންޑިއާގެ ޗެންނާއީއަށް ދަތުރު ކުރުމަށް، އެމީހާ އެއާޕޯޓަށް ދިޔައީ އާދީއްތަ ދުވަހުގެ މެންދުރު 02:30 ގައި ކަމަށް އެއާޕޯޓް އޮފިޝަލުން ވަނީ ހާމަ ކުރައްވާފައެވެ.

އެމީހާގެ އަމަލުތައް ހުރި ގޮތުން ޝައްކުތަކެއް އުފެދި، ސެކިއުރިޓީ އޮފިސަރުން އޭނާގެ ލަގެޖް ބަލާ ފާސްކުރިއެވެ. އަދި ބެލި ބެލުމުން 117000 ކެނޭޑިއަން ޑޮލަރާއި 19000 ޔޫރޯ، ނަގުދު ފައިސާގެ ގޮތުގައި ފޮރުވާފައި ހުރި ކަމަށް ހަބަރު ލިބެއެވެ.

ފަސެންޖަރުގެ އަތުގައި ހުރި ފައިސާއާއެކު އެ މީހާ ވަނީ، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ކަސްޓަމްސް އޮފިޝަލުންނާ ހަވާލު ކޮށްފައި ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.