ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި މަހު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ދައުލަތާއި ދައުވާ ރައްދުވާ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

މިއަދު ހެނދުނު 10 އިން ފެށިގެން ރޭގަނޑު 8 އާ ހަމައަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ 10 ގަޑިއިރުގެ އަޑުއެހުމުގައި މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ވަނީ ހުށަހަޅާފައެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ތެރެއިން މއ. ފޭރުގެ މުޖާޒް އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގު ހުށަހެޅުންތައް ހުށަހަޅާފައިވާ އިރު އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ދައުލަތުން ވަނީ އެދިފައެވެ. ނަމަވެސް މި މައްސަލައިގައި ދައުވާ އުފުލާފައިވާ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު މިއަދު ހުށަހެޅި ހުށަހެޅުންތައް ބަލައި ނުގަތުމަށް ދައުލަތުން އެދިފައެއް ނުވެއެވެ.

ދައުލަތުގެ ފަރާތުން ވަނީ މި މައްސަލައިގައި ދައުވާ ލިބޭ ތަހުމީން ފިޔަވައި އެހެން މީހުންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިތަކެއް ބަލައި ނުގަތުމަށް އެދިފައިވާ އިރު، ދައުލަތުގެ ބުނީ މި މައްސަލައިގައި މި މީހުންގެ ފަރާތުން ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިން ބަލައި ނުގަނެވޭނެ ކަމަށެވެ. އެއީ އެ މީހުންގެ މައުލޫމާތު ކުރިޔާލާ ހާމަކޮށްފައި ނުވާތީ އާއި ބައެއް މީހުން ތަހުގީގު މަރުހަލާގައި ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފާފައި ވާތީ ކަމަށެވެ.

ދިފާއުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅާފައިވާ އިރު، އެންމެ ފުރަތަމަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ މުޖާޒް އަހުމަދުގެ ފަރާތުން 4 ހުށައެޅުމެކެވެ. އޭނާގެ ފަރާތުން ހުށައެޅި ފުރަތަމަ ހުށައެޅުމަކީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާއިން ލިބިފައިވާ ހަނު ހުރުމުގެ ހައްގު ތަހުގީގުގައި ނިގުޅައިގެންފައި ވާ ކަމަށް ބުނެ ހުށައަޅާފައިވާ ނުކުތާއެވެ. އެގޮތުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ބާރު ކަނޑުވާލުމަށް ތޫނު ހަތިޔާރު ގާނޫނުގެ ބޭނުން ހިފާފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުން ހުށައެޅީ ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ކުރިން ހިމަނާފައި ނުވާ ހެކިތައް ބަލައި ނުގަތުމަށެވެ. ތިންވަނަ ކަމެއްގެ ގޮތުން ހެކި ހުށައަޅާ ސަބަބުގައި ފުށުއެރުން ހުރި ބައެއް ހެކިތައް ބަލައި ނުގަތުމަށް ވަނީ އެދިފައެވެ. އަދި ހަތަރުވަނަ ކަމެއްގެ ގޮތުން މިއީ ވަރަށް ގިނަ ސިއްރު ހެކިވެރިން ހިމެނޭ މައްސަލައެއް ކަމަށް ވާތީ، ހެކިބަސް ނެގުމުގެ ކުރިން އެމީހުންގެ ނަޒާހަތްތެރިކަން ކަށަވަރު ކޮށްދިނުމަށް ވަނީ އެދިފައެވެ.

އެއަށްފަހު ތަހުމީންގެ ފަރާތުން 3 ހުށައެޅުމެއް ވަނީ ހުށައަޅާފައެވެ. ފުރަތަމަ ކަމަކީ މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ސިއްރު ހެކިންގެ ތެރޭގައި މި މައްސަލައިގެ ދައުވާ އުފުލާފައިވާ ފަރާތެއް ވާނަމަ ނުވަތަ ދައުލަތުން ހާއްސަ ލުއިތަކެއް ދީފައިވާ ފަރާތެއް ވާނަމަ، އެ ހެކިން ބަލައިނުގަތުމަށް ހުށައެޅި ހުށައެޅުން ހިމެނެއެވެ. ދެވަނަ ކަމެއްގެ ގޮތުން ވީޑިއޯ ފުޓޭޖްތަކުގެ ތެރެއިން އާންމު ރައްޔިތުންގެ ގޭގެ ކެމެރާތަކަށް ނަގާފައިވާ ފުޓޭޖްތައް ހެކީގެ ގޮތުގައި ބަލައި ނުގަތުމަށް އަދި ތިންވަނަ ކަމެއްގެ ގޮތުން ސިއްރު ހެކިންގެ ތަހުގީގީ ބަޔާންތައް ހާމަކޮށްދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެއް ހިމެނެއެވެ.

އެއަށްފަހު އަލީ ހައިޝަމްއާއި އިސްހާހުގެ ފަރާތުން 4 ހުށައެޅުމެއް ހުށައަޅާފައި ވެއެވެ. އޭގެ ތެރޭގައި މި މައްސަލައިގައި ޕީޖީ ތަހުގީގުގެ މުއްދަތު އިތުރުކޮށް ދިނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އަލީ ހައިޝަމްއާ ގުޅިގެން ހުށައަޅާފައިވާ ޑީއެންއޭ ބަލައި ނުގަތުމަށާއި، ދައުލަތުގެ ބައެއް ހެކިން ޝަރީއަތަށް ބަލައި ނުގަތުމަށާއި، އިންޓެލް ރިޕޯޓާއި، ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓު އަދި ފޯން އެނާލިސިސް ރިޕޯޓު ދިފާއަށް ދޫކޮށް ދިނުމަށް އެދި ހުށައެޅި ހުށައެޅުންތައް ހިމެނެއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފަހުމީގެ ފަރާތުން ވަނީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖްތަކެއް ބަލައިނުގަތުމަށް އެދިފަ އެވެ. އެގޮތުން އަމިއްލަ ތަންތަނުން ހޯދާފައިވާ ފުޓޭޖްތައް ބަލައި ނުގަތުމަށް ވަނީ އެދިފައެވެ. އިސްހާގުގެ ފަރާތުން ވެސް ވަނީ އަމިއްލަ ތަންތަނުން ވީޑިއޯ ފުޓޭޖް ހޯދުމަށް ކްރިމިނަލް ކޯޓުން ހޯދާފައިވާ އަމުރުތައް ހާމަކޮށް ދިނުމަށް އެދިފައެވެ.

މީގެ އިތުރުން ދައުވާ ލިބޭ ނާޒިމް، އިސްހާގު އަދި ފަހުމީގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި މި މައްސަލައާއި ގުޅިގެން ދައުވާކޮށް ހުކުމްކޮށްފައިވާ އެއްވެސް މީހެއް ތަހުގީގަށް ދީފައިވާ ބަޔާން ހެކީގެ ގޮތުގައި ބޭނުން ނުކުރުމަށް ވަނީ ހުށަހަޅާފައެވެ. އެފަދަ ބަޔާނެއް ހެއްކެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅިގެންދާނެ ކަމަށް ދިފާއީ ވަކީލުން ވަނީ ބަޔާން ކޮށްފައެވެ.

މިއަދު ދިފާއުންނާއި ދައުލަތުން ވަނީ ހުށަހެޅުންތައް ހުށަހަޅާފައެވެ. އެހެންކަމުން ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިންމެވުމެވެ. އެ އަޑުއެހުން އޮންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.