އަންނަ ބޮޑު އީދާ ދިމާކޮށް ސަގާފީ ކުޅިވަރުތަކާއި މަޝްހޫރު ފަންނާނުންނާ އެކު މިޔުޒިކް ޝޯވް އެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް ދ. މާއެނބޫދޫ ކައުންސިލުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނީ، މިހާރު ވަރަށް ފޯރިއާ އެކު އެ ރަށުގައި އީދަށް ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން ލަނގިރި ޖެހުމާއި ބަނޑިޔާ ޖެހުމާއި ދަނޑި ޖެހުމާއި މާފަތި ނެށުން ފަދަ ނެށުންތަކަށް ތައްޔާރީތައް ވުމާއި ޕްރެކްޓިސް ކުރުން ވަރަށް ފޯރިއާ އެކު ކުރިއަށް ދާ ކަމަށް ކައުންސިލުން ބުނެއެވެ.
މިއަހަރު ވަރަށް ކުަލަ ގަދަކޮށް އީދު ފާހަގަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު ކައުންސިލާ އެކު އެ ރަށުގެ ޖަމިއްޔާތަކުންނާއި ބައެއް އަމިއްލަ ފަރުދުން ވެސް ބައިވެރިވަމުން ދާ ކަމަށް ބުންޏެވެ. ބޭނުމަކީ މީގެ ކުރިން އެ ރަށުގައި ކުލަ ގަދަކޮށް އީދު ފާހަގަ ކުރަމުން ދިޔަ ސަގާފަތް އަނބުރާ ގެނައުން ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
މާއެނބޫދޫގައި ބޮޑު އީދުގައި ކުރިޔަށް ގެންދާ ބައެއް ހަރަކާތްތައް:
- އީދު ވެދުމާ ދިއުން
- މަސް ރޭސް
- ފިރިހެނުންގެ ލަނގިރި/ދަފި
- ބޮޑުމަސް ބޭނުން
- ފުޓްބޯޅަ މުބާރާތް ފިރިހެން
- ވޮލީ މުބާރާތް އަންހެން އަދި ފިރިހެން
- މިޔުޒިކް ދެ ޝޯ
- ސަގާފީ ނެށުންތައް
- އީދު ބޮޑު ސައި
- ކުޑަކުދިންގެ ހަވީރު
- އީދު ކުލައާއި ފެން ޖެހުން
މާއެނބޫދުގައި ބާއްވާ އީދު ހަރަކާތުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އެ ރަށުގައި ބާއްވާ ދެ މިޔުޒިކް ޝޯވްއެވެ. މީގެ އިތުރުން މާލެއިން މަޝްހޫރު ބައެއް ލަވަ ކިޔުންތެރިން ވެސް ބޮޑު އީދު ޝޯވްގައި ހުށަހެޅުންތައް ހުށަހަޅައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު މަޝްހޫރު ފެހުންތެރިޔާ އަދި ޑާންސަރު ޖާދުﷲ އާއެކު އޭނާގެ ޑާންސް ގްރޫޕް ވެސް އެ ރަށުގެ މިޔުޒިކް ޝޯވްގައި ޕާފޯމް ކުރަން ވަނީ ހަމަޖެހިފައެވެ. ޖާދުﷲގެ ޑާންސް ގްރޫޕްގައި ޓިކްޓޮކްގެ މަޝްހޫރު ތަރި ޝިފާ އާއި ރޯމަން ވެސް ހިމެނެއެވެ.
ދ. މާއެނބޫދޫއަކީ މީގެ ކުރިން ވަރަށް ފޯރިއާ އެކު އީދު ފާހަގަ ކުރަމުން އައި ރަށެކެވެ. އަމިއްލަ މިޔުޒިކް ކުޅޭ ސާމާނާ އެކު އެ ރަށުގައި ބޭންޑެއް ކުރިއަށްދާ އިރު އެ ބޭންޑުގައި އިންސްޓްރޫމަންޓްތައް ކުޅުމަށާއި ލަވަ ކިޔުމުގައި ވެސް އުޅެނީ ރަށުގެ ރައްޔިތުންނެވެ. ހަމައެއާއެކު އެ ރަށަކީ ސާގާފީ އެތައް ކުޅިވަރުތަކެއް ކުޅެމުން އަންނަ ރަށެކެވެ. މި ކަމުގައި ވެސް ބައިވެރިވަމުން އަންނަނީ ރަށުގެ އަންހެނުންނާއި ފިރިހެނުންގެ އިތުރުން ކުޑަކުދިންނެވެ.