ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވީ އާ ވާހަކަފުޅެއް ހެއްޔެވެ؟ އެ ވާހަކަ އަކީ، ކުރިން ވިދާޅުވި ނަމަ ތިރީހަކަށް ހާސް ވޯޓު ލިބުމުގެ ފުރުސަތު އޮތް ވާހަފުޅެއް ހެއްޔެވެ؟

ރައީސް ރޭ ވިދާޅުވީ، އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންނެވި ނަމަ، ވިލިމާލެ، ގުޅީފަޅާއި އަދި ތިލަފުށި ގުޅުވާ އަޅާ ބްރިޖް، ޗައިނާ ސަރުކާރުން ހިލޭ އަޅައިދޭން ބުނި ވާހަކައެވެ. އަދި އެކަމާ ކުރެވުނު މަޝްވަރާ ތަކުގައި ސީދާ ޗައިނާގެ ރައީސް ޝީ ޖިންޕިން އެވާހަކަ ވިދާޅުވި ކަމަށްވެސް ރޭ ޔާމީން ވަނީ ވިދާޅުވެފައެވެ.

"ޗައިނާގެ ރައީސް ޝީ ޖިންޕިން އޮތީ، ރައީސް ޔާމީން 2 ވަނަ ދައުރަކަށް ހޮވުނު ނަމަ، ހިލޭ އެ ބްރިޖް ދޭން ބުނެފަ"
ރައީސް ޔާމީން

ރައީސް ޔާމީން މީޑިއާގެ ކުރިމަތީގައި އެވާހަކަ ވިދާަޅުވި އިރު ޕާޓީގެ ސަޕޯޓަރުން އަތްޖަހާ ތައުރީފު ކުރި ނަމަވެސް އެވާހަކަ އަޑުއެހި ބައެއް މީހުން ކުރާ ސުވާލެއް އެބައޮތެވެ. ހަގީގަތުގައިވެސް އެ ބްރިޖް ހިލޭ ދޭ ވާހަކަ ޗައިނާ ސަރުކާރުން ބުނިހެއްޔެވެ؟ އެހެންވިއްޔާ އެވާހަކަ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ވައުދުގައި ވިދާޅުނުވީ ކީއްވެހެއްޔެވެ؟

އެ ސުވާލުގެ ޖަވާބު ދެއްވީ ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް ޔާމީން ސަރުކާރުގައިވެސް އިސް މަގާމުތަކެއް ފުރުއްވި މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.

މުންދު ވިދާޅުވީ، ބްރިޖާ ގުޅޭ މަޝްވަރާ އެއްފަރަށް ވުރެ ގިނައިން ކުރެވިފައި ވާ ކަމަށާއި، ރައީސް ޔާމީންގެ ކެމްޕެއިން މެނިފެސްޓޯގައި ވެސް އެވާހަކަ އޮންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އަޅަން އުޅުނީ، ވިލިމާލެ ސަރަހައްދުގައި އެންމެ ބުރިޖެއްވެސް ނޫން ކަމަށާއި، އޭރުގެ ވިސްނުމަކީ 3 ބްރިޖެއް އެޅުން ކަމަށެވެ.

"މިހާރު މިކިޔަނީ ވިލިމާލެ ހުރަސްކޮށް ގުޅީފަޅާއި ތިލަފުއްޓަށް އެއް ބްރިޖޭ، ނަމަވެސް އަޅުގަނޑުމެން މާނަ ކުރީ 3 ބްރިޖް ކަމަށް، ސިނަމާލެ ބްރިޖަކީ 1، ދެން ވިލިނގިއްޔާ ހަމައަށް 2، ދެން ވިލިނގިލިން ގުޅީފަޅަށް، ގުޅީފަޅުން ތިލަފުއްޓަށް، ޖުމްލަ 4، މިހާރު އޮތް ބްރިޖް ލައިގެން"
މުންދު

އޭނާ އިތުރަށް ވިދާޅުވީ، ބްރިޖް ހިލޭ އެޅޭ އެއް ސަބަބަކީ، ޒަމާނުއްސުރެ ޗައިނާއާ އާއި ރާއްޖެއާ ދެމެދު އޮންނަ ހިލޭ އެހީގެ މިންގަނޑުގެ ދަށުން ކަމަށެވެ. އެ މިންގަނޑުގެ ދަށުން ކޮންމެ އަހަރަކުވެސް ވަކި އަދަދެއް ރާއްޖެއަށް ލިބޭ ގޮތަށް އޮންނަ ކަމަށާއި ނަމަވެސް އެ ލިބޭނީ ސަރުކާރުން އެދިގެން ކަމަށެވެ.

"ރައީސް މައުމޫން އިރުންސުރެ ފެށިގެން އޮންނާނެ، ކޮންމެ އަހަރަކު ގާތްގަނޑަކަށް ވިއްސަކަށް މިލިއަން ޑޮލަރު، އެއީ އެކަށީގެންވާ ބޮޑު އިންފްރާސްޓަރަކްޗާ މަސައްކަތަކަށް ދޭ އެއްޗެއް، އޭގެ ދަށުން ކުރީގެ ފޮރިން މިނިސްޓްރީ، ދާރުލްއާސާރު އަޅާފަ އެހެރީ، ރައީސް ނަޝީދު އިރުގައި އެކަށީގެންވާ އެއްޗެއް ހުށަހެޅިފައި ނުވާތީ، ލިބިވަޑައެއް ނުގަންނަވާ، ހަމައެގޮތަށް ޑރ. ވަހީދު އިރުގަވެސް ނުލިބޭ، އަޅުގަނޑުމެނާ ހަމައަށް އައި އިރު އިކުއިމިލޭޓް ވެފަ އޮތް ފުދޭވަރެއްގެ ބޮޑު އަދަދެއް އޮންނާނެ"
މުންދު

އެއާއެކު ރައީސް ޔާމީންގެ 2 ވަނަ ދައުރަށް ކުރެވުނު މަޝްވަރާތަކުގައި، ސިނަމާލެ ބްރިޖް އެޅި ވިސްނުމުގައި ޗައިނާގެ ހިލޭ އެހީއާއި ދިވެހިސަރުކާރުން ހަރަދު ކުރާ ގޮތަށް މަޝްވަރާއަށް ދިޔަ ނަމަވެސް، ޗައިނާއިން ނިންމީ، ދެވަނަ ދައުރެއް ރައީސް ޔާމީނަށް ލިބިވަޑައިގެންފި ނަމަ، މުޅި ބްރިޖް ހިލޭ ހަދައިދޭން ކަމަށް މުންދު ވިދާޅުވިއެވެ. އަދި އެއީ ޗައިނާއިން ރާއްޖެއާ މެދު ދެކޭ ގޮތާއި، ޗައިނާގެ ރައީސް، ރައީސް ޔާމީނާ ބަހައްޓަވާ ގާތްކަމުގެ ގޮތުން، ޗައިނާގެ ރައީސް ނިންމެވި ނިންމެވުމެއް ކަމަށްވެސް މުންދު ވިދާޅުވިއެވެ.

މުންދު އަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސްގެ ސްޕޯކްސްޕާސަންކަން ވެސް ކުރެއްވި ބޭފުޅެއްގެ އިތުރުން ރައީސް ޔާމީންގެ ވެރިމުގައި ބްރިޖްގެ މަޝްވަރާތައް ކުރެވުނު އިރު ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

ސުވާލު އުފެދޭ މީހުންނަށް އަދިވެސް ޖަވާބު ނުލިބޭ ސުވާލަކީ، އެހެންވިއްޔާ ކެމްޕެއިންގައި "ހިލޭ" އެކަން ކުރެވޭ ވާހަކަ އިއުލާން ނުކުރެއްވީ ކީއްވެތޯއެވެ؟ ރައީސް ޔާމީނާއި ރައީސް ޝީ އާ ދެބޭފުޅުންގެ ފޮޓޯ ނުޖެހީ ކީއްވެތޯއެވެ؟

2018ގެ މެނިފެސްޓޯގައި ރައީސް ޔާމީން މާލެ ސަރަހައްދު ތަރައްގީ ކުރާން ހާމަ ކޮށްފައި އޮތް ގޮތުގެ އެއް ތަސްވީރު (މެނިފެސްޓޯއިން ނަގާފައި)

ރައީސް ޔާމީނަށް 2 ވަނަ ދައުރު ގެއްލުނީ، 38 ހާސް ވޯޓުންނެވެ. އޭރު ކެމްޕެއިނަށް ޕީޕީއެމްއިން އާންމު ކުރި މެނިފެސްޓޯގައި ވަރަށް ގިނަ ކަންކަން ހިމަނާފައި ހުރި އިރު، ގްރޭޓާ މާލެ ސަރަހައްދު ތަރައްގީ ކުރާ ތަސައްވުރުގައި ބްރިޖްތަކުން ގުޅާލާނެ ވާހަކަ އޮތެވެ. އަދި އެތަނުގައި 315،000 މީހުންގެ އާބާދީއަަށް ދިރިއުޅެވޭނެ ގޮތް ހަދައިދޭނެ ވާހަކައާއި، 2030 އަށް 18 ފުރޭނެ ކޮންމެ މީހަކަށް ބޯހިޔާވަހިކަމުގެ ޔަގީނަކަން ދީފައި ވެސް އެބައޮތެވެ.

2018ގެ "ތަޅާލުންގަނޑަކީ" އެއްކޮޅަށް ޔާމީން، އިދިކޮޅަށް ހުރިހާ ޕާޓީއެއް އަރައިގެން ތަޅާލި ތަޅާލުންގަނޑަކަށް ވީ އިރު، ބްރިޖް ހިލޭ އަޅާއިދޭން ޗައިނާއިން ބުނި ވާހަކަ އާންމުކޮށް އިއުލާން ނުކުރި ސަބަބެއް ނުވިސްނެއެވެ. އޭރު އިދިކޮޅުން ދައްކަމުން ދިޔަ ވާހަކަ ތަކުގެ ތެރޭގައިވެސް، ކަނޑު މެދުން ގޯތި ދޭން "ހޮޅި ވައުދު" ވަމުން ދިޔައީ ކަމަށާއި، ބްރިޖަކީވެސް ބިލާހެއް ކަމަށް ކިޔަމުން ދިޔައެވެ.

"ބްރިޖްގެ ވާހަކަ އެތައް މަގާމެއްގައި ރައީސް ވިދާޅުވި، ސްޕީޗްތަކުގައި ވެސް ހުންނާނެ، ތަފާތަކީ އަޅުގަނޑުމެން ބްރިޖް އަޅާ މަގްސަދާ، މިބޭފުޅުން (މިހާރުގެ ސަރުކާރު) ގެ މަގްސަދާ ތަފާތީ، މިބޭފުޅުން އުޅެނީ ގުޅީފަޅުގެ ވާހަކައިގައި، އަޅުގަނޑުމެން އުޅުނީ ތިލަމާލެ (އޭރު ކިއީ އެހެން ނަމެއް) ހިއްކާފަ ގޯތިދޭން، ދެން ގޯތި ކަނޑާފަ ގޯތި ދޭން ވާއިރަށް ބްރިޖެއް އޮންނަން ވާނެ ކަމަށް އަޅުގަނޑުމެން ދުށީ"
މުންދު

މުންދު ވިދާޅުވީ އެހެންވީމާ ބްރިޖްގެ ވާހަކައަކީ ދައްކާފައި އޮތް ވާހަކައެއް ކަމަށާއި، ރައީސަށް ދެވަނަ ދައުރެއް ލިބިވަޑައިގެންނެވި ނަމަ މާލެ ސަރަހައްދު ތަރައްގީ ކުރައްވާނެ ކަމަށެވެ. ރައީސްގެ ވިސްނުންފުޅު ހުރި ގޮތް ހާމަ ކުރައްވަމުން މުންދު ވިދާޅުވީ، މާލެ ސަރަހައްދުގައި 315،000 މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަދައި ދިނުމުގެ އިތުރުން ބިދޭސީންނަށް އަމާޒުކޮށް ތިލަފުށީގައި ބޮޑު ކޮލަނީއެއް ހެދުމަކީވެސް ވިސްނުންފުޅެއް ކަމަށެވެ. އަދި ވޯކްޝޮޕްފަދަ ތަންތަން ތިލަފުއްޓަށް ބަދަލުކުރުމުގެ ވިސްނުން ވެސް އޮތް ކަމަށެވެ.

ރައީސް ޔާމީންގެ ދައުރުގައި ލޮލަށް ފެނި ހިފަން، ގައިމުވެސް ބްރިޖެއް އެބަ އޮތެވެ. ކާރޫބާރޫ ބޮޑުވެ މިހާރު އެ ބްރިޖް ކުޑަވެފައި ވާއިރު، މިހާރު އަޅަން ތައްޔާރު ވަމުން ދާ ތިލަމާލެ ބްރިޖާއެކު، މާލެ ސަރަހައްދުގެ ޗާޓަށް ބޮޑު ބަދަލެއް އަންނާނެއެވެ.

ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންނެވި ނަމަ ބްރިޖެ ހިލޭ އަޅައިދޭން ޗައިނާއިން ބުނި ކަމަށް ރޭ ރައީސް ޔާމީން ވިދާޅުވުމާއެކު، ޗައިނާ އެމްބަސީގެ ބަހަކަށް އެހުމުން އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ، އެކަން އެބޭފުޅުންނަށް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.