އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ގައުމު ހިންގެވުމުގެ އެންމު މުހިންމު ދައުރު އަދާކުރެއްވީ ރައީސް އޮފީހުގެ ގިނަދުވަސްވީ މުވައްޒަފުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދިން އަދި ހިދުމަތްކޮށްދެމުންދާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރައީސް އޮފީހަކީ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މައި އިދާރާ ކަމަށްވާތީ، އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ގައުމު ހިންގެވުމުގެ އެންމު މުހިންމު ދައުރު އަދާކުރީ ރައީސް އޮފީހުގައި ގިނަ ދުވަހު ހިދުމަތްކުރި އަދި ހިދުމަތް ކުރަމންދާ މުވައްޒަފުން ކަމަށެވެ.
މި ހަފްލާގައި، ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތްކުރި 126 ފަރާތަކަށް ހަނދާނީ ފިލާ ދެއްވާފައިވާއިރު މި ފަރާތްތަކުގެ ތެރެއިން މި ދުނިޔެ ދޫކުރި 20 ފަރާތަކަށް ފިލާ އަރުވާފައި ވަނީ އެފަރާތްތަކުގެ ހަނދާނަށެވެ.
ރައީސް އޮފީހުގެ މުވައްޒަފުންނާ މުހާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައިސް ވަނީ ޒަމާނުއްސުރެ ސަރުކާރު ހިންގުމުގައި ރައީސް އޮފީހުން އަދާކުރައްވަމުން ގެންދެވި ދައުރު ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވި ގޮތުގައި މިރޭ ހިދުމަތުގެ އަގު ވަޒަންކުރި ފަރާތްތަކުގެ ރެކޯޑްތަކަށް ބަލާއިރު، އެ އެފަރާތްތަކުގެ ފަރާތުން ފާހަގަކުރި އެންމެ މުހިންމު އެއް ކަމަކީ، ދެމެހެއްޓެވި ވަޒީފާގެ އަހުލާގުކަމުގައި ވިދާޅުވެ، އެ މުވައްޒަފުންނަށް ދިގު މުއްދަތަކަށް އެއް ވަޒީފާއެއްގައި ދެމިތިއްބެވޭ އެއް ސަބަބަކީ ވެސް، އެ ސިފަކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ އޮފީހަކަށް ވާންޖެހޭނެ އޮފީހެއްކަން ހާމަކުރައްވަމުން ރައީސް ވަނީ ރައީސް އޮފީހުގެ މުވައްޒަފުންގެ އަދަދަށް ބެއްޔަސް ފެންނަނީ އެފަދަ ނަމޫނާއެއް ކަމުގައި ވިދާޅުވެފައެވެ. އަދި، އޭގެ ތެރެއިން ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުންގެ އަދަދު ވެސް ހުރީ ދާދި އެއް ވަރަކަށް ކަމަށާއި، މިއީ މިންތީގެ ތަފާތުތައް ނައްތާލައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަލާއިރު ވެސް ރަނގަޅު ނަމޫނާއެއް ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން ވެސް އުމުރުފުރާއަށް ބަލާއިރު ވެސް، އުމުރުން ވަރަށް ދޮށީ މުވައްޒަފުންނާއި ވަރަށް ހަގު މުވައްޒަފުން ވެސް ރައީސް އޮފީހުގައި ތިބި ކަމަށާއި ގިނަ ދުވަސްވީ މުވައްޒަފުން ނަމޫނާއަކަށް ބަލައިގެން އެހެން މުވައްޒަފުން ކުރިޔަށް ދިޔުމުގެ ބޭނުންތެރިކަމަށް އެކަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ހަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 40 އަހަރާއި، 35 އަހަރާއި، 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރި 49 ފަރާތްކަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރި 33 ފަތާރަކަށް ހަނދާނީ ފިލާ ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރި 44 ފަރާތަކަށް ހަނދާނީ ފިލާ ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.