ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި 3000 މެންބަރުން ހަމަވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން މެންބަރުންގެ އަދަދު 3000 އަށްވުރެ މަދު 4 ޕާޓީއެއް އޮތް ކަމަށް އީސީން ބުނާއިރު އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ހިމެނެއެވެ.

ކޮމިޝަނުން ވަނީ މިމަހުގެ 14ގެ ކުރިން 3000 މީހުން ހަަމަކުރުމަށް އެޕާޓީތަކަށް ނޯޓިސް ވެސް ފޮނުވާފައެވެ.

އެކަމާ ގުޅިގެން އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އެޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން މިހާރު ވެސް 3000އަށް ގިނަ މެންބަރުން ހަމަވާނެ ކަމަށާއި، އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަދިވެސް ގިނަ ފޯމުތައް ޕްރޮސެސް ނުކޮށް ހުރިކަން ފާހަގަ ވާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި އެމްއާރްއެމް އިން ކުރި ބުރަ މަސައްކަތާއެކު ޖުމްލަ 1407 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެޕާޓީން ބުނެއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 225 ފޯމާއި އޭގެ ކުރީ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް 103 ފޯމު ހުށަހަޅާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

އެޕާޓީން ބުނީ މިއަދު ވެސް 123 ފޯމު ހުށަހަޅާފައިވާނެ ކަމަށެވެ. މި ޕާޓީއިން އީސީއަށް ހުށާހެޅި ފޯމުގެ ތެރެއިން 1297 ފޯމު އަދިވެސް ޕްރޮސެސް ނުކޮށް ހުރިކަން އެޕާޓީން ވަނީ ފާހަގަކޮށްފައެވެ. ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3,000 މެންބަރުން ހަމަވާން ޖެށޭއިރު، އީސީއިން ކުރި އިއުލާނުގެ ފަހުން މިއަހަރުގެ މާޗް 27 ވަނަ ދުވަހާ ހަމައަށް ޖުމްލަ 700 އަށްވުރެ ގިނަ ފޯމު އެޕާޓީގެ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެމްއާރްއެމްއިން ބުނެއެއެވެ.

އެމްއާރްއެމް އިން ބުނީ އީސީ އަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތަކަކީ އެ ކޮމިޝަނަށް ހުށަހެޅިތާ ވަރަށް ގިނަ ދުވަސް ވެފައިވާ ފޯމުތަކެއް ކަމަށާއި ފޯމުތައް ވީހާވެސް އަވަހަކަށް ޕްރޮސެސްކޮށްދިނުމަށް މީގެކުރިން ވެސް އީސީގައި އެދިފައިވާނެ ކަމަށެވެ.

އީސީން ނޯޓިސް ފޮނުވާފައިވަނީ ޑީއާރުޕީ އާއި، އެމްއާރުއެމް، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަށެވެ.

ރާއްޖޭގައި މިހާރު ސިޔާސީ ޕާޓީގެ ގޮތުގައި 11 ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި ވެއެވެ. އޭގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ހަތަރު ޕާޓީއެއް އެބައޮތެވެ.

އެ ޕާޓީތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އާއި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޑީއާރުޕީ އާއި، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއެވެ.