ކްރިމިނަލް ކޯޓުގައި ނުނިމި، އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ހާހަކަށް ވުރެ ގިނަ މައްސަލަ އެބަހުރި ކަމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ ބެކްލޮގާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައި އެ އިދާރާއިން ބުނީ، ކްރިމިނަލް ކޯޓުގެ ބެކްލޮގް ފިލުވާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނި ގޮތުގައި، އެންމެ ދުވަސްވީ މައްސަލަތަކުގެ ގޮތުގައި ހުރީ 2015 ގައި ހުށަހަޅާފައިވާ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރާ ހަމައަށް ނުނިމި 1،017 މައްސަލައެއް އޮތް އިރު، ރިމާންޑުގައި ތިބި މީހުންގެ ޝަރީއަތްތަކަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅިގެން ދައުވާކޮށްފައިވާ މައްސަލަތަކުގެ ޝަރީއަތްތަކަށް ހާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް، އެ އިދާރާއިން ބުންޏެވެ.

އަދި އެ މަސައްކަތް ކުރަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާއި، ކަރެކްޝަންސްގެ އިތުރުން، ފުލުހުންނާ އެކު މަޝްވަރާ ކުރެވި، އިންތިޒާމް ކުރެވިގެން ކަމަށް ވެސް، ޑީޖޭއޭއިން ބުންޏެވެ.

މިދިޔަ މަހުގެ ފަހުކޮޅު ކުރި އިއުލާނެއްގައި ކްރިމިނަލް ކޯޓުން ބުނީ، އެ ކޯޓުގައި ގިނަދުވަސްވެފައި ހުރި މައްސަލަތައް ނިންމުމަށްޓަކައި މިހާރު މަސައްކަތް ކުރަމުންދާ ތާވަލުގެ އިތުރުން، ރަސްމީ ކޮންމެ ދުވަހަކު މެންދުރުފަހު 2 އިން ހަވީރު 5 އަށް، ތިން މަސް ދުވަހުގެ މުއްދަތަކަށް މައްސަލަތައް ތާވަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި މަހުން ފެށިގެން އެގޮތަށް އަމަލު ކުރަމުން ދާނެ ކަމަށާއި، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ބެކްލޮގް އެއްކޮށް ފިލުވާލާނެ ކަމަށް، އެ ކޯޓުން ބުނެފައިވެއެވެ

ބައެއް މައްސަލަތައް ގިނަވެ، ދިގުލައިގެން ގޮސްފައިވުމުގެ ސަބަބުން، އިންސާފު ލިބުން ލަސްވާ ކަމަށް ބުނެ، އާންމުންވެސް އެތައް ފަހަރެއްގެ މަތިން ޝަކުވާ ކޮށްފައިވެއެވެ.

އާންމުންނަށް އިންސާފު ހޯދައިދިނުން އަވަސްކޮށް، ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.