ތުރުކީގެ ގުރުއާން މުބާރާތެއްގައި ބައިވެރިވާން ރާއްޖެ އަށް ފުރުސަތު ލިބިފައިވާތީ އެ މުބާރާތުގައި ބައިވެރިވާން އާންމުކޮށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ.

އެ މަރުކަޒުން ބުނީ ސެޕްޓެމްބަރު 29 އިން އޮކްޓޯބަރު 10 އަށް ބާއްވާ "8 ވަނަ އިންޓަނޭޝަނަލް ގުރުއާން މުބާރާތު" ގައި ރާއްޖެ އަށް ބައިވެރިވާން ލިބުނީ ދެ ގޮތްޕަކުން ކަމަށާއި އެއީ މުޅި ގުރުއާން އެއްކޮށް ހިތުދަސްކޮށްފައިވުމުގެ ބަޔަކާއި ތަޖުވީދު މަގުން ރީތިކޮށް ގުރްއާން ކިޔަވަން އެނގުމުގެ ބަޔަކަށް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މި މަހުގެ 15 ވަނަ ދުވަހާ އާ ހަމައަށް ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.

އެ މުބާރާތުގެ ޝަރުތުތަކަށް ބަލާއިރު އެ މުބާރާތުގައި ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެދެމުގެ ފިރިހެނަކަށެވެ. އަދި ބައިވެރިވާން ހުށަހަޅާ މީހުންނަކީ އިންޓަނޭޝަނަލް މުބާރާތެއްގައި ކުރިން ބައިވެރިވެ 1 ވަނަ ހޯދާފައިވާ މީހަކަށް ނުވުމާއެކު ތުރުކީގެ ބައިނަލް އަގުވާމީ މުބާރާތެއްގައި މީގެ ކުރިން ބައިވެރިވެފައި ނުވާ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އިސްލާމީ ދުނިޔޭގައި މަޝްހޫރު ގާރީއަކަށް ނުވުމާއެކު ދިވެހި ރައްޔިތަކަށްވުމަކީވެސް ޝަރުތެކެވެ.