އާންމުންގެ މެދުގައި މަގްބޫލު ފުޅިމަދު ބަތް ޕާރުސަލް ފޮށި ހިމެނޭހެން، އިއްޔެއިން ފެށިގެން، އެއްފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ގިނަ އަދަދެއްގެ ޕްލާސްޓިކް ސާމާނު އުފެއްދުމާއި ބޭނުންކުރުން މަނާވާނެއެވެ.

މިދިޔަ ޑިސެމްބަރު މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ގެޒެޓު ކުރައްވާފައިވާ ގަރާރުގައިވާ ގޮތުން، މި މަހުން ފެށިގެން އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޒާތުގެ ޕްލާސްޓިކްގެ ތެރެއިން 13 ބާވަތެއް ރާއްޖޭގެ ބާޒާރަށް ނެރުމާއި އުފެއްދުން މަނަލެވެ.

އޭގެ ތެރޭގައި ޕާތީތަކުގައި އާންމުކޮށް ހުންނަ ޕްލާސްޓިކް ސަމްސާ، އޫ ފަދަ ތަކެއްޗާއި، މައިލޯ ފަދަ ޕެކެޓުތަކާއި ޖޫގޯ ފަދަ ތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި ފަދަ ތަކެތި ހިމެނެއެވެ.

މި މަހުން ފެށިގެން އުފެއްުމާއި ނެރުން މަނާ ޕްލާސްޓިކް ބާވަތްތައް:

  • ޕްލާސްޓިކްގައި ބަންދުކޮށް، އެތެރެކުރާ ސުޕާރީ
  • ކާބޯތަކެތި ބަންދުކުރާ ފުޅިމަދު ފޮށި (ބަތް ޕާރުސަލް)
  • 30 ސެންޓިމީޓަރަށް ވުރެ ކުޑަ ފިހާރަ ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތަޓިކް ޕޮލިމަރުން އުފައްދާފައިވާ، ޑީގްރޭޑަބަލް ޕްލާސްޓިކް ހިމެނޭ ގޮތަށް)
  • ޖޫގޯ އާއި ޖޫސް ފަދަ ތަކެތި ބުއިމަށް ބޭނުންކުރާ 250 މިލިލީޓަރަށް ވުރެ ކުދި ތަށި
  • ކަންފަތް ސާފުކުރަން ބޭނުންކުރާ އާދައިގެ ކަފަބުރު
  • 50 މިލިލީޓަރު، ނުވަތަ ކުދި ފުޅިތަކުގައި ބަންދުކޮށްފައި ހުންނަ ސައިބޯނި ފަދަ ތަކެތި

މި މަހުން ފެށިގެން އުފެއްދުން މަނާ ޕްލާސްޓިކް ބާވަތްތައް:

  • ރާއްޖޭގައި އުފައްދައި ބޭނުންކުރާ 500 މިލިލީޓަރަށް ވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
  • ރާއްޖޭގައި އުފައްދައި ބޭނުންކުރާ 500 މިލިލީޓަރަށް ވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް

އަންނަ ޑިސެމްބަރުން ފެށިގެން އުފެއްދުން މަނާ، އަދި އަންނަ މާޗު މަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ތަކެތީގެ ތެރޭގައި، ބާޒާރު ކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ކޮތަޅާއި، 50 މިލިލީޓަރުން 200 މިލިލީޓަރާ ހަމައަށް ހުންނަ ޕްލާސްޓިކް ފުޅިތަކުގައި ބަންދު ކޮށްފައި ހުންނަ ސައިބޯނި ފަދަ ތަކެތި، އަދި އެއް ލީޓަރާއި އެއަށްވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފުޅި ވެސް ހިމެނެއެވެ.

ރައީސް ކަނޑައަޅުއްވާ އެއްފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުން މަނާ ކަމެއްގެ ގޮތުގައި ބަޔާންކޮށް، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރުގައެވެ.