1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން މަނާ ކުރާ ތާރީހު އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު 14 ބާވަތެއް ހިމެނޭއިރު އެ ލިސްޓުގެ 13 ވަނަ ބާވަތް މަނާކުރާ ތާރީހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަސްކުރައްވާފައެވެ.

އެގޮތުން އެ ލިސްޓުގެ 13 ވަނަައިގާ ހިމެނޭ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އަންނަ އަހަރުގެ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާވާނެ ކަމަށް ކަނޑައަޅާ ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން އެ ތަކެތި ބާޒާރަށް ނެރުން މަނާވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެ ބަދަލު ގެންނަވަން ނިންމެވީ ކުރިން ކަނޑައަޅާފައިވާ ގޮތަށް 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން މިއަދު މަނާކޮށްފިނަމަ އެކަމުގެ ސަބަބުން ރައްޔިތުންނަނަށް ވަރަށް ބޮޑު ތަކްލީފްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭތީއެވެ. އަދި ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކުރުމަށް ކަނޑައަޅާފައި ވަނީ އެ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރާނެ ތިމާވެށްޓާއި ރައްޓެހި ތަކެތި ބާޒާރުގައި ލިބެންހުރި މިންވަރަށް ބެލުމަށްފަހުއެވެ.

1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފަ ހުންނަ ފެން މިއަދުން ފެށިގެން މަނާކުރުމަށް ކަނޑައަޅާފައި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ސާފު ބޯފެނުގެ ނިޒާމް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ބަލައިގެން ނަމަވެސް ގިނަ ރަށްތަކެއްގައި ސާފު ބޯފެނުގެ ނިޒާމްތައް ގާއިމުކުރުމުގެ މަސައްކަތް އަދިވެސް ނިމިފައިނުވާތީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަށް ބަރޯސާ ވެފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ބުނެއެވެ.