1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން މަނާ ކުރާ ތާރީހު 2026 ވަނަ އަހަރަށް ފަސްކޮށްފިއެވެ.
ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ކަނޑައަޅާ އެ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު ތަސްދީގު ކުރައްވާފައިވަނީ 2020 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.
އެއާއެކު ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލައި އެކި ތާރީހުތަކަށް ބަހާލައިގެން ސަރުކާރުން ދަނީ އެ ތަކެތި މަނާކުރަމުންނެވެ.
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު 14 ބާވަތެއް ހިމެނޭއިރު އެ ލިސްޓުގެ 13 ވަނަ ބާވަތް (އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން) މަނާކުރާ ތާރީހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި ވަނީ އަނެއްކާވެސް ފަސްކުރައްވާފައެވެ. މިއީ ތާރީހު ފަސްކުރި ދެވަނަ ފަހަރެވެ.
އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެރުއްވި ގަރާރުގައި ރައީސް މުއިއްޒު ވަނީ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހު މިއަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު (މިއަދު)ގެ ނިޔަލަށް ފަސްކޮށްފައެވެ.
ނަމަވެސް ރައީސް މުއިއްޒު ސޮއި ކުރައްވާ އިއްޔެ ނެރުއްވި ގަރާރުގައި ބުނެފައި ވަނީ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުން ވެސް އަންނަ އަހަރުގެ ޑިސެމްބަރު އެކަކުން ފެށިގެން މަނާ ވާނެ ކަމަށެވެ. އަދި ބާޒާރަށް ނެރުން މަނާ ވާނީ މާޗު 1، 2026 އިން ފެށިގެން ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.
އެ ލިސްޓުގައި ހިމެނޭ ބާކީ 13 ބާވަތް މިހާރު ވަނީ މަނާކޮށްފައެވެ. އޭގެތެރޭގައި ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި ހިމެނެއެވެ.
އަދި ހަމައެހެންމެ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީއާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު، 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި، ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރުގެ އިތުރުން50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން ވެސް ހިމެނެއެވެ.