ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް މިއަދު ހުށަހަޅައިފިއެވެ.
ޕީޖީކަމުން ޝަމީމު ވަކިކުރަން މިއަދު ޕާލިމަންޓަރީ ގުރޫޕަށް ހުށަހަޅާފައިވާއިރު، އެ ހުށަހެޅުމަށް ބައެއް މަޖިލިސް މެންބަރުންވަނީ ތާއީދުކުރައްވާފައެވެ. އެ މައްސަލަ ޕާލިމަންޓަރީ ގުރޫޕަށް ހުށަހަޅާފައިވަނީ މިއަދު އޮތް އެ ގުރޫޕުގެ ބައްދަލުވުމުގައި އެހެނިހެން މައްސަލައަށް ފުރުސަތު ހުޅުވައިލުމުންނެވެ.
އެކަމާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ބައެއް މީޑިއާތަކަށް ވިދާޅުވީ އެ ބައްދަލުވުމުގައި ޝަމީމް ޕީޖީގެ މަގާމުން ވަކިކުރަން މެމްބަރަކު ހުށަހެޅުއްވި ކަމަށާއި މިއަދު އެ ހުށަހެޅުމާ ގުޅިގެން ވޯޓެއް ނަގާފައެއް ނުވާ ކަމަށެވެ. އަދި މިހާތަނަށް ނިންމާފައި ވަނީ އެ ހުށަހެޅުމާ ގުޅިގެން ވަކިން ބައްދަލުވުމެއް ބާއްވައި ޕާލިމެންޓަރީ ގްރޫޕުގެ ތެރޭގައި މަޝްވަރާ ކުރުމަށް ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް ޝަމީމް މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅީ ކޮން މެމްބަރެއް ކަމެއް އަސްލަމް ހާމައެއް ނުކުރައްވައެވެ.
ޕީޖީ ޝަމީމާ މެދު ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ހިތްހަމަނުޖެހުން އަމާޒުވީ ސީދާ ކޮން މައްސަލަތަކަކާ ގުޅިގެން ކަން އަދި ސާފުނުވިޔަސް ދާދިފަހުން ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅޭ އެންމެހާ މައްސަލަތަކުން ތަނާޒުލްވި ވާހަކަތައްވެސް ވަނީ ފެތުރިފައެވެ.