ދުނިޔޭގައި ހުރި އެންމެ ބޮޑު ގަސް ކަމުގައި ބެލެވޭ މޫދު ވިނައެއް، އޮސްޓްރޭލިއާޣެ ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުން ފެނިއްޖެއެވެ.

ޖެނެޓިކް ޓެސްޓު ހަދައިގެން އެނގިފައި ވާ ގޮތުގައި، އޮސްޓްރޭލިއާގެ ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުގައި ފެތުރިފައިވާ މި މޫދު ވިނަގަނޑަކީ އެއް 1 ގަހެވެ.

އެންމެ އޮށަކުން މި ގަސް، ވިނަގަނޑެއްގެ ގޮތުގައި ފެތުރިފައި ވަނީ އެންމެ މަދުވެގެން 4500 އެއްހާ އަހަރު ދުވަހުގެ ތެރޭގައި ކަމަށް ބެލެވެއެވެ. އެކަން ދެނެގަތީ އަހަރަކު 35 ސެންޓިމީޓަރަށް ހެދޭ ކަމަށް ބަލައިގެންނެވެ.

ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާގެ ރިސާޗަރުން ހާމަ ކުރި ގޮތުގައި އެ ގަސް ވަނީ، 200 އަކަ ކިލޯމީޓަރު ނުވަތަ 77 އަކަ މޭލުގެ ސަރަހައްދަކަށް ފެތުރިފައެވެ.

ޕާތުގެ 800 ކިލޯމީޓަރު އުތުރުން، ޝާކް ބޭ ސަރަހައްދުން މި ގަސް ފެނިފައި ވަނީ އޮޅުމެއްގެ ތެރެއިންނެވެ.

ރިސާޗަރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ، އޮސްޓްރޭލިއާގެ އައްސޭރިފަށުގެ ސަރަހައްދުގައި އާންމު ކޮށް ފެތުރިފައިވާ މޫދު ވިނަ، ނުވަތަ އާންމު ނަމުން ނަމަ ރިބަން ވީޑުގެ ޖެނެޓިކް ސިންދަފާތާ ބެހޭ ދިރާސާތަކެއް ކުރުމަށެވެ.

ރިސާޗަރުން ވަނީ އެކި ހިސާބުތަކުން ވިނައިގެ އޮފިކޮޅުތައް ނަގާ، 18000 ޖެނެޓިކް މާކަރެއް ފާހަގަކޮށް، "އިނގިލީގެ ނިޝާން" ދެނެގަނެފައެވެ. އަމާޒަކަށްވީ އެ ވިނަގަނޑުގައި ކިތަށް ބާވަތުގެ ވިނަ ނުވަތަ ގަސް ހުރި ތޯ ބެލުމެވެ.

ނަތީޖާ ލިބުމުން، ގެނުވީ ސިހުމެއް ކަމަށް ދިރާސާގެ އިސް މުސައްނިފު، ޖޭން އެޖެލޯއީ ވިދާޅުވިއެވެ.

މި ދިރާސާ އާންމު ކޮށްފައި ވަނީ، ޕްރޮސީޑިންގްސް އޮފް ދަ ރޯޔަލް ސޮސައިޓީ ބީ ޖާނަލްގައެވެ.

އޮސްޓްރޭލިއާއިން ފެނުނު އާދަޔާ ހިލާފު މޫދުވިނަގަނޑަކީ، 20000 ފުޓުބޯޅަ ދަނޑުގެ ސަރަހައްދަކަށް ފެތުރިފައި ވާ 1 ގަހަށް ވީ ނަމަވެސް، މިއީ ދުނިޔޭގައި ހުރި އެންމެ ބޮޑު ގަސް ކަމަށް ގިނިސް ރެކޯޑްސްއިން ކަނޑައެޅިކަން އަދި ސާފެއް ނުވެއެވެ.