ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމުގެ މައްސަލައިގައި އަންނަ ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން އެޖެންޑާކުރަން ނިންމައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައެވެ. އެހެންނަމަވެސް މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށް ފަހު ކޮމިޓީ ރިޕޯޓް މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައި ވަނިކޮށް ހައިކޯޓުގެ ފަނޑިޔާރު ކަމުން ރައޫފް އިއްޔެ ވަނީ އިސްތިއުފާ ދެއްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުންނާ މެދު ޖުޑިޝަރީ ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކޮމިޓީ ރިޕޯޓް ފޮނުވާފައި ވާތީ އެ މައްސަލައިގައި އަންނަ ހޯމަ ދުވަހު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށެވެ.
މި ދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކޮށް ބެލުމަށްފަހުގައެވެ.