ޕްރޮޖެކްޓްތައް މަޑުޖައްސައިލުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިދަފައިން ވިދާޅުވީ ކޮންމެ ވައުދަކީ ފުއްދަން ޖެހޭ ވައުދެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްްމަދު އަސްލަމް ވިދާޅުވެފައިވާތީ އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން މިއަދު އަސްލަމް މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އަސްލަމް ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތައް މީޑިއާގައި އެކި ގޮތްގޮތަށް ދައްކަމުންދާ ކަމަށާއި ވައުދެއް ވަނީ އެ ވައުދެއް ފުއްދުމުގެ ނިޔަތުގައި ކަމަށާއި އެހެން ނަމަވެސް ބައެއް ފަހަރު އެކި އެކި ގޮންޖެހުންތަކާއެކު ވައުދު ފުއްދުން ދިގުލައިގެން ގޮސް ދައުރު ނިމޭއިރު ވެސް ވައުދު ނުފުއްދޭ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ގޮތުން ހިންގާ މަޝްރޫއުތައް މިވަގުތު މަޑުޖައްސައިލަން ޖެހޭ ކަމަށާއި އެއީ ރާއްޖޭގެ މާލީ ހާލަތާއި ދުނިޔޭގެ ކަންކަމަަށް ބަދަލުތަކާ ހެދި ކަމަށެވެ.
ޕްރޮޖެކްޓްތައް މަޑުޖައްސައިލާ ވާހަކަ ދައްކަން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރަށް ވެސް ދަތިވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އެ ވާހަކަ އެމަނިކުފާނު ވިދާޅުވާން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.