މިދިޔަ އަހަރުގެ މޭ މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހޯމް މިނިސްޓްރީ އަދި ކަރެކްޝަންސްއިން ފަރުވާކުޑަކުރާތީ އެމަނިކުފާނުގެ ވަކީލުން އެކަން ކުށްވެރިކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް ސައްތާރު މިފަދައިން ވިދާޅުވީ އެ މައްސަލައިގެ ދައުވާ އުފުލި ފަސް މީހެއްގެ ޝަރީއަތް މިއަދަށް ތާވަލްކުރުމަށްފަހު މޫސުން ގޯސްވުމުގެ ސަބަބުން ކޯޓަށް ހާޒިރުނުކުރެވުމުން ކެންސަލްކުރުމާ ގުޅިގެންނެވެ.

ނާޒިމް ސައްތާރު ސޮއިކުރައްވާ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައިވާތީ އެކަން ކުށްވެރިކުއްވާ ކަމަށެވެ.

މިއަދުގެ ޝަރީއަތް ކެންސަލްކުރީ ވިއްސާރަވެގެން ދައުވާ އުފުލާފައިވާ މީހުން ނުގެނެވުމުންކަން ބަޔާންކޮށްފައިވީ ނަމަވެސް މިއަދަކީ މާލެ ސަރަހައްދުގެ މޫސުން ހަމައެކަނި ގޯސްވި ދުވަސް ނޫން ކަމަށާއި މޫސުން ގޯސްވާނަމަ ތުހުމަތު ކުރެވޭ ފަރާތްތައް އޭގެ ކުރީ ދުވަހު ގެނެސް، މާލެ ޖަލެއްގައި ބެހެއްޓުމުގެ އިންތިޒާމު ވެސް ހަމަޖެއްސޭނެ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މައްސަލާގައި މުއައްސަސާތަކުން އިހުމާލުވާކަމުގެ ޝަކުވާތައް ކެނޑިނޭޅި ކުރަމުންދާއިރު އެ ފަދަ ޝަކުވާއަކަށް ބެލުމެއް ނެތި ހޯމް މިނިސްޓްރީއިންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފަރުވާކުޑަކުރާތީ އެކަން އިންތިހާއަށް ކުށްވެރިކުރާ ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތަށް ނާޒިމް ސައްތާރު އެދުމުން އެ ފުރުސަތު ދޭން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ހިޔާ، ވ. ތިނަދޫ 23 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އަދަބަށް ލުއި ލިބޭ ގޮތަށް ދައުލަތާއެކު އެއްބަސްވުމެއް ހަދައިފައެވެ.