ދައުލަތަށް ބިމު ކުލި ނުދައްކާ ރިސޯޓުތައް ބަންދުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައި ނުގަންނަވާތީ، ރިސޯޓުތަކާ އެކު މަޝްވަރާ ކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކުލި ނުދައްކާ ރިސޯޓުތަކާ މެދު އަމަލު ކުރާނެ ގޮތް ސާފުކޮށްދެއްވުމަށް އެދި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މި މައްސަލައެއް ހައްލެއް ބޭނުންވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެއާއެކު، މިނިސްޓަރު ވަނީ ކުލި ނުދައްކާ ރިސޯޓުތަކަށް އޮންނަ އުސޫލުގެ ދަށުން ދެމުންދާ ނޯޓިސް 18 ރިސޯޓަކަށް މިހާރު ދީފައިވާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ތަންތަނުގެ ލައިސަންސް ހިފަހައްޓައި، އެ ތަންތަން ބަންދުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިފައިވެއެވެ.

"އެކަމަކު އަޅުގަނޑުމެން މުޅި ރާއްޖޭގެ އިގްތިސޯދަށް ވިސްނާއިރު އެއީ އެންމެ ރަނގަޅު ސޮލިއުޝަން ކަމަށް ނުފެންނާތީ އެތަންތަނާ މަޝްވަރާ ކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދެވޭ. ފައިސާ ލިބެމުންވެސް އެބަދޭ."
ޑރ. އަބްދުالله މައުސޫމް | ޓޫރިޒަމް މިނިސްޓަރު

ނަމަވެސް، މިއީ މި މައްސަލަ އަށް އޮތް ދާއިމީ ހައްލެއް ނޫން ކަމަށާއި، އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމުން، ފިޔަވަލު އަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ހިތުން މިކަންތަކަކީ ދާއިމަށް އެގޮތަށް ކުރެވޭ ކަމަކަށް ނުވާނެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބެންޏާ އަޅަން ޖެހޭ ފިޔަވަޅުތައް ރައްޔިތުންގެ ހައްގުގަ ދައުލަތުގެ ހައްގުގަ އަޅުގަނޑުމެން އަޅަން ޖެހޭނެ. އެހިސާބަށް އަޅުގަނޑުމެން އެކަންތައް ގެންދަން ޖެހިއްޖެ ހާލަތެއްގަ އެހިސާބަށް ގެންދާނަން."
ޑރ. އަބްދުالله މައުސޫމް | ޓޫރިޒަމް މިނިސްޓަރު

މިހާރު މަސައްކަތް ކުރަމުން ދަނީ ރިސޯޓުތައް ބަންދުނުކޮށް، އެ ތަންތަނުގައި ތިބި މުވައްޒަފުންގެ ވަޒީފާ ނުގެއްލޭ ގޮތަށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް، މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ރިސޯޓު ބަންދުނުކޮށް އެތަނުގަ ތިބި މުވައްޒަފުންގެ ވަޒީފާ ނުގެއްލޭ ގޮތަށް އެހެންނަމަވެސް ދައުލަތަށް ލިބެން ހުރި ލާރިތައް ލިބެމުން އަންނަ ގޮތަކަށް މަސައްކަތް ކުރަން. އެއީ ޒަމާނީ ވިޔަފާރީގެ ވިސްނުމަކަށް ވާނީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު، ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނެސް، ރިސޯޓް ބިމު ކުލި ކުޑަ ކުރުމަށް މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފައެވެ. އެހެންނަމަވެސް ދައުލަތުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ރިސޯޓްތަކުގެ ބިމު ކުލި ބަދަލު ނުކުރަން އިކޮނޮމިކް ކައުންސިލުން ވަނީ މިމަހު 25 ގައި ނިންމައިފައެވެ.

އެ އިސްލާހު ދިފާއު ކުރައްވައި މަޖިލީހުގައި މީގެ ކުރިން ވާހަކަ ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ، ދައުލަތަށް ފައިސާ ހޯދަން އެންމެ ފައިދާ ހުރި ގޮތަކީ ރިސޯޓުތަކުން ބިމު ކުލި ނެގުން ނޫން ކަމަށެވެ. ނަމަވެސް، އޭނާ އޭރު ވިދާޅުވި ގޮތުގައި، ކުލި ކުޑަ ކުރުމުން އަލަށް ގިނަ ރިސޯޓުތައް ހުޅުވި، ޓެކްސް ނިޒާމުގެ ތެރެއިން ލިބޭ ފައިދާ ބޮޑު ވާނެއެވެ.