ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހިގޭގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނީ ގާނޫނާއި ހިލާފު އަމުރެއް ކަމަށް ކަނޑައަޅާ އެ އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން އެ ބެނާ ނެގީ ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީންގެ ގެކޮޅަށް ވަދެއެވެ. އެހެންނަމަވެސް އެ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ފުލުހަށް ދޫކުރި އަމުރު ގާނޫނާއި ހިލާފު ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ބެނާ ނެގުމަށް އަމުރެއް ނެރުނީ ގާނޫނާއި ހިލާފު ކަމަށާއި އެހެންވެ އެ އަމުރު ބާތިލުކޮށްފައިވާ ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި ހެއްކެއް ހޯދަން ބަލައި ފާސްކުރުމުގެ އަމުރެއް ހޯދި ނަމަވެސް އަމުރު ނެރެން އެކަށީގެންވާ ސަބަބެއް އަމުރުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުން އެ ބެނާ ނަގައިފާ ވަނީ އާންމު މަސްލަހަތައް ހުރަސް އެޅޭ ފަދަ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރުމަށްފަހުގައެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއްގެ ތުހުމަތުގައި ބެނާ ނެގުމުގެ އަމުރަކަށް ފުލުހުން އެދުނުއިރު، ބެނާއެއް ހަރު ކުރުމުން އާންމު މަސްލަހަތު ގެއްލޭ ގޮތެއް ފުލުހުންނަށް ބުނެ ނުދެވޭ ކަމަށެވެ.

ބެނާއެއް ހަރުކުރުމަކީ ކުށެއް ކަމަށް ބެލިޔަސް އެ ބެނާ އަމިއްލައަށް ނަގަން ޔާމީނަށް ފުލުހުން ކުރިން އެންގެވީ ކޮން ހަމައަކުން ކަން އެނގެން ނެތް ކަމަށާއި ކޯޓު އަމުރުގެ ދަށުން ހޯދަން ބޭނުންވާ ހެކި ކަމަށް ބުނެ ފުލުހުން އެގެއިން ގެންދިޔައީ ހަމައެކަނި އެ ބެނާ ކަން ފާހަގަކޮށް، ފަނޑިޔާރު ނިޔާޒް ވިދާޅުވީ އޭގެކުރިން އެ ބެނާ އަމިއްލައަށް ނަގަން ފުލުހުން އެންގުމުން އެއީ ހަގީގަތުގައި ވެސް ހެއްކެއްތޯ ނުވަތަ ނޫންތޯ ސާފުނުވާ ކަމަށެވެ.

ކޯޓު އަމުރެއް ހޯދައިގެން އެގެއަށް ވަދެ އެ ބެނާ ނެގުން ވެސް ގޯސް ކަމަށާއި އެ ބެނާ ހުރީ ދޫވެހި ގޭގެ މަތީގައި ހުރި ދަގަނޑު ހޮޅިތަކެއް އައްސާފައި ކަމަށްވާތީ ކަމަށް ނިޔާޒު ފާހަގަކުރެއްވިއެވެ.

އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ ފުލުހުން ހުށަހަޅާފައިވާ ހެކިތައް ބަޔާން ކުރުމަށްފަހު އެކަށީގެންވާ ސަބަބެއް އޮތް ކަމަށް އަމުރުގައި އޮތަސް އެއަށް ވާސިލްވި ގޮތެއް އަމުރުން އެނގެން އޮންނަން ޖެހޭނެ ކަމަށާއި ކްރިމިނަލް ކޯޓުގެ އަމުރު ދަމަހައްޓައިދޭން ހައި ކޯޓުގައި ދައުލަތުން ވެސް އެދިފައެއް ނުވާ ކަމަށެވެ.

ޔާމީންގެ އަމިއްލަފުޅު ގެކޮޅުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ހޯދި ކޯޓު އަމުރު ދޫކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ނިންމާފައިވަނީ ފަނޑިޔާރު ޝަފީއުއާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސެއިން ޝަހީދުގެ އިއްތިފާގުންނެވެ.