ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ފޯރުކޮށްމުންދާ އެހީ މެދު ނުކެނޑި ލިބޭނެކަން ކަށަވަރު ކުރުމުގެގޮތުން، ޕާކިސްތާނުގައި ތެޔޮ ވިއްކާ އަގު، އެ ގައުމުގެ ސަރުކާރުން 20 ޕަސެންޓް ބޮޑު ކޮށްފިއެވެ.

ޕާކިސްތާނުގެ މާލީ ވުޒާރާއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ތެލުގެ އަގު ބޮޑު ކޮށްފައި ވަނީ، 6 ބިލިއަން ޑޮލަރުގެ ޕެކޭޖުގެ ދަށުން، އެހީ ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ. ޕާކިސްތާނުގެ މާލީ ވުޒާރާއިން ރިއާޔަތް ކުރާ މާލީ އެހީގެ ޕެކޭޖަކީ، ޕާކިސްތާނުގެ ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު އައިއެމްއެފްއާއެކު ސޮއި ކުރި ޕެކޭޖެކެވެ.

އެހީގެ ޕެކޭޖުގެ ދަށުން އައިއެމްއެފްގެ މާލީ އެހީ ކަށަވަރު ކުރުމަށް ތެލުގެ އަގު ބޮޑު ކުރުމުގެ ސަބަބުން، ޕާކިސްތާނުގެ ސަރުކާރަށް ފައިދާތަކެއް ލިބުނު ކަމުގައި ވީ ނަމަވެސް، އާންމު ރައްޔިތުންނަށް ޖެހުނު ތަކުލީފު ބޮޑު ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއްގެ އަގު 179.86 ޕާކިސްތާން ރުޕީޒްއަށް އުފުލިފައި ވާ އިރު، ޑީސަލް ލީޓަރެއްގެ އަގު ވަނީ 174.15 ޕާކިސްތާން ރުޕީޒްއަށް އުފުލިފައެވެ.

ތެލުގެ އަގަށް ބަދަލު ގެނައުމަށް ނިންމާ، އާ އަގުތައް، އެ ގައުމުގެ މާލީ ވަޒީރު މިފްތާހް އިސްމާއީލް، ޓްވިޓާ މެދުވެރި ކުރައްވާ، އާންމު ކުރެއްވުމާއެކު، ގިނަ ބަޔަކު ވަނީ ފިއުލް ސްޓޭޝަންތައް ކައިރިއަށް ޖަމާވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕާކިސްތާނުގެ ސަރުކާރާއި އައިއެމްއެފްއާ ދެމެދު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެ އެއްބަސްވުމަކީ، ތެލުގެ ސަބްސިޑީޒް ކަނޑާލުމަށްފަހު އަގުތައް އުފުލައިފި ނަމަ،. އައިއެމްއެފްއިން 900 މިލިއަން ޑޮލަރު ރިލީޒް ކުރުމަށް ވެފައި ވާ އެއްބަސްވުމެއް ކަމަށް މަސްދަރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ދަނޑިވަޅަކީ ޕާކިސްތާނަށްވެސް މާލީ ހީނަރު ކަމާ ކުރިމަތިލާން ޖެހިފައި ވާ ދަނޑިވަޅެކެވެ. އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވްވެސް ދަނީ ހީނަރުވަމުންނެވެ. އެކަމަށް ހައްލު ގެނައުމުގެ ނަމުގައި ޕާކިސްތާނުގެ ސަރުކާރުން އެ ގައުމަށް ގިނަ އަދަދެއްގެ މުދާ އިމްޕޯޓް ކުރުން މަޑުޖައްސާލާފައެވެ. ލަގްޒަރީ އުފެއްދުންތަކެއްގެ ނަމުގައި ގިނަ އަދަދެއްގެ މުދާ އިމްޕޯޓް ކުރުން މަޑުޖައްސާލާފައި ވާ އިރު، ޒަރޫރީ އުފެއްދުންތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ރޯ މެޓީރިއަލްވެސް، މަޑުޖައްސާލީ އިމްޕޯޓް ލިސްޓުގައި ހިމެނެއެވެ.