ދުނިޔޭގައި މިވަގުތު ހުރީ އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށް ރެކޯޑްތަކުން ދައްކާ ޖުއާން ވިސެންތެ ޕެރަޒް މޯރާ، އޭނާގެ 113 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފިއެވެ.

ދުނިޔޭގައި ހުރި އެންމެ ދޮށީ މީހާގެ ޓައިޓަލް، ޕެރަޒް މޯރާއަށް ލިބުނީ މީގެ ކުރިން އެ ރެކޯޑް އޮތް، ސަތުރްނީނޯ ޑެ ލާ ފުއެންތެ ގާރްސިއާ، ޖެނުއަރީ 2022 ގައި މަރުވި ހިސާބުންނެވެ. ފެބުރުއަރީ 11، 1909 ގައި އުފަންވި ސަތުރްނީނޯ ޑެ ލާ ފުއެންތެ ގާރްސިއާ މަރުވީ އޭނާގެ އުމުރުން 112 އަހަރާއި 341 ވަނައަށް ވީ ދުވަހުއެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ ދޮށީ މީހާގެ ރެކޯޑް، ޕެރަޒް މޯރާއަށް ކަށަވަރު ވީ ފެބުރުއަރީ 4، 2022 ވަނަ ދުވަހުއެވެ. އޭރު އޭނާގެ އުމުރަކީ 112 އަހަރާއި 253 ދުވަހެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕެރަޒް މޯރާއަކީ ސިއްހަތު ރަނގަޅު މީހެކެވެ. އަދި އެއްވެސް ބައްޔަކަށް އޭނާ ބޭސް ކުރަމުން ނުދާ ކަމަށްވެސް ހަބަރު ލިބެއެވެ. ނަމަވެސް، އުމުރުން ދުވަސްވުމުގެ ސަބަބުން އަޑު އިވުމަށް މައްސަލަތަކެއް ދިމާވެފައި ވާ ކަމަށާ، ކޮންމެވެސް ވަރަކަށް ލޭ މައޗަށް ދިއުމުގެ މައްސަލަ ކުރިމަތި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މެއި 27 ވީ ހުކުރު ދުވަހު، 113 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ކުލަގަދަ ހަފުލާގައި، ޕެރަޒް މޯރާގެ އާއިލާ މެންބަރުންނާއި ގިނަ އަދަދެއްގެ ރަހުމަތްތެރިން ވަނީ ބައިވެރިވެފައެވެ.

ދަނޑުވެރިކަން ކޮށް އުޅުނު ޕެރަޒް މޯރާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާގެ އިތުރުން، އޭނާގެ އުފަން ވަޒަން ކަމުގައި ވާ ވެނެޒުއޭލާގެ ތާރީހު ދުށް އެންމެ ދޮށީ މީހާވެސްމެއެވެ.

ޕެރަޒް މޯރާ ހާއްސަ ވީ އުއްދަނޑިއާއި ކޮފީގެ ދަނޑުވެރިކަމަށެވެ. މިހާރުވެސް އޭނާގެ ދިރިއުޅުމުގައި މި 2 ބާވަތުން ތައްޔާރު ކުރާ ބުއިންތައް ބޭނުން ކުރެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕެރަޒް މޯރާ ކޮންމެ ދުވަހެއްވެސް ފަށަނީ ކޮފީއަކުންނެވެ.

އުމުރުން 28 އަހަރުގައި ޒަވާބީ ހަޔާތެއް ފެށި ޕެރަޒް މޯރާގެ އަންހެނުން، އުމުރުން 81 އަހަރުގައި މި ދުނިޔެއާއި ވަކިވީ 1998 ވަނަ އަހަރުއެވެ. އެ ދެމަފިރިންނަށް 11 ދަރިން ލިބުނެވެ.

ދުނިޔޭގެ ފެންވަރުގެ ރެކޯޑްތައް ބަލަހައްޓަމުން ދާ ގިނިސްއިން އާންމު ކޮށްފައި ވާ މައުލޫމާތަށް ބަލާއިރު ޕެރަޒް މޯރާއަށް ކާފަ ކިއާ 41 ދަރިންނާއި، 18 މުނިކާފަ ދަރިންގެ އިތުރުން 12 ހޫރުކާފަ ދަރިން އެބަތިއްބެވެ.