އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނެގި މައްސަލައިގެ ހުކުމް ކުރުން އަންނަ އާދީއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި މިދިޔަ މަހުގެ 19 ގައި ދެމި ބެނާ މިދިޔަ މަހު ނަގާފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން ޔާމީން ވަނީ ހައިކޯޓަށް ހުށަހަޅުއްވައިފައެވެ.

ހައިކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހޯމަ ދުވަހު ނިންމާލައިފައެވެ. އެ މައްސަލައިގެ ހުކުމް އިއްވުން ތާވަލު ކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފުލުހުންނާއި ދައުލަތަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ސުވާލުތައް ކުރައްވާފައެވެ. ނަމަވެސް ފުލުހުންނަކަސް ވެސް އަދި ދައުލަތަކަށް ވެސް އެ ސުވާލުތަކަށް ޖަވާބެއް ނުދެވުނެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ހަސަން ޝަފީއެވެ. އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން ޔާމީންގެ ގެ، ހ. ދޫވެހީގައި މިދިޔަ މަހުގެ 19 ގައި ހަރުކުރި ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން މިދިޔަ މަހު ގެންގޮސްފައި ވަނީ ގާނޫނުގެ 615 ވަނަ މާއްދާގެ ދަށުން، އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުކޮށެވެ.