ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ ފަޅު ރަށެއް ކަމަށްވާ ޅ. މާބިންހުރާގެ ނެރު މައްޗަށް ދޯންޏެއް އުރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، "އުއްމީދު" ނަމަކަށް ކިޔާ ދޯންޏެއް އުރިގެން މައުލޫމާތު ލިބިފައިވަނީ ހެނދުނު 11:15 ހާއިރު ކަމަށެވެ.

އެހެންވެ، އެ ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުން ހަރަކާތްތެރިވަމުންދާ ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

"އުއްމީދު" ދޯނި މާބިންހުރާގެ ނެރު މައްޗަށް އަރާފައިވަނީ މ. މުލި ކަނދުފަތިން މަސް ބާނައިގެން މާބިންހުރައަށް ދަތުރުކުރަނިކޮށެވެ.

އެވަގުތު އެ ދޯނީގައި ޖުމްލަ 11 މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބިދޭސީ ފަޅުވެރިއެކެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.