އިނގިރޭސިވިލާތާއި އެމެރިކާގެ އިތުރުން ވިލާތުގެ ބައެއް ގައުމުތަކުގައި ނުރައްކާ ބޮޑުވަމުން އަންނަ މަންކީޕޮކްސް ބައްޔަށް ފަރުވާއެއް ހޯދިފައި ވާ ކަމަށް، އިނގިރޭސިވިލާތުގެ ސައެންސްވެރިންތަކެއް ބުނެފިއެވެ.
ފަހުގެ ހޯދުންތަކާ ހަވާލާދީ ސައެންސްވެރިން ބުނީ، އެންޓިވައިރަލް ބޭސް ދީގެން، ބަލީގެ އާލާމަތްތައް ފެންނަ މުއްދަތު ކުޑަ ކުރެވިދާނެ ކަމަށާ ނުވަތަ އެހެން މީހުންނަށް ބަލި ފަތުރާ (ކޮންޓޭޖަސް) މުއްދަތު ކުރު ކުރެވިދާނެ ކަމަށެވެ.
މި އެންޓިވައިރަލްތަކަކީ ސްމޯލްޕޮކްސް (ކަށިވިދުރި) އިން ސަލާމަތް ވުމަށް ތަރައްގީ ކޮށްފައި ވާ އެންޓިވައިރަލްތަކެކެވެ. ދިރާސާގައި ބަޔާން ކޮށްފައި ވާ ދަރަޖައަށް، މަންކީޕޮކްސްއާ ދެކޮޅަށް މި އެންޓިވައިރަލްތައް ކާމިޔާބު ހޯދައިފިނަމަ، މިކަން ވެގެން ދާނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން ސަލާމަތްވެ، ހިނދެމިނުލެވި އުޅެނިކޮށް، މަންކީޕޮކްސްގެ ބަލިމަޑުކަމާ ހަނގުރާމަ ކުރަން ޖެހިފައި ވާ ގައުމުތަކަށް ލިބޭނެ ބޮޑު ލުޔަކަށް ކަމަށް ބެލެވެއެވެ.
މަންކީޕޮކްސް ބަލި ޖެހެ އިންސާނުންނަށް ކަނޑައެޅިގެން ދޭނެ ވަކި ފަރުވާއެއް އަދި ރަސްމީ ސިފައެއްގައި ލައިސަންސް ކޮށްފައެއް ނެތެވެ.
ދިރާސާގައި ބަޔާންކޮށްފައި ވާ ފަރުވާތަކުގެ ތެރެއިން ލިބެން ހުރި ޑްރަގްތަކަކީ ބްރިންސިޑޮފޮވިއާއާއި ޓެކޯވިރިމެޓް ނަމަކަށް ޑްރަގެކެވެ. ސްމޯލްޕޮކްސްގެ ފަރުވާއެއްގެ ގޮތުގައި މި 2 ބޭސް ބޭނުން ކުރުމަށް ހުއްދަ ދޫކޮށްފައި ވަނީ ހަމައެކަނި އެމެރިކާގައެވެ.
ދަ ލޭންސެޓް އިންފެކްޝަސް ޑިޒީޒަސް ގައި ޝާއިއު ކޮށްފައި ވާ ދިރާސާ ރިޕޯޓަކީ، 2018 އާއި 2021 އާ ދެމެދު މަންކީޕޮކްސް ޖެހި، އިނގިރޭސިވިލާތުގައި ފަރުވާ ހޯދި 7 ޕޭޝަންޓެއްގެ މައުލޫމާތަށް ރިއާޔަތް ކޮށްގެން އެކުލަވާލާފައި ވާ ރިޕޯޓެކެވެ. މިއީ ނިސްބަތުން އަދަދެއްގެ ބަޔަކަށް ވާ އިރު، ފުޅާ ދާއިރާއެއްގައި ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ރިސާޗަރުން ވަނީ ގޮވާލާފައެވެ.
ދިރާސާގެ ހޯދުންތަކަށް ބަލާއިރު މަންކީޕޮކްސްގެ އަސަރު ޕޭޝަންޓުންގެ ކަރުތެރެއިންނާއި ލޭގެ ސާމްޕަލްތަކުން ވަނީ ފެނިފައެވެ. 5 ޕޭޝަންޓަކު 3 ހަފުތާއެއްހާ ދުވަސް އައިސޮލޭޝަން ހޭދަ ކުރިއިރު، ޕީސީއާރް ޓެސްޓުތައް ޕޮޒިޓިވް ކަމަށް ދައްކާތީ 39 ދުވަސް ވަންދެން އެކަހެރިވި ޕެޝަންޓުންވެސް އުޅުނު ކަމަށް މައުލޫމާތު ލިބެއެވެ.
އެއްވެސް ޕޭޝަންޓެއްގެ ހާލު ގޯސްވެ، ނިއުމޯނިއާ ނުވަތަ ސެޕްސިސްއަށް ޕޮޒިޓިވްވުން ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.
ދިރާސާގެ ހޯދުންތަކަށް ބަލާއިރު، މަންކީޕޮކްސްއަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށް ދިރާސާއިން ބާރު ނުލިބޭ ކަމަށް މުސައްނިފުން ވަނީ ފާހަގަ ކޮށްފައެވެ.
މަންކީޕޮކްސް ޖެހުމުގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ހިމެނެނީ ބަލިޖެހިފައި ވާ މީހަކާ ގޭބިސީ ހިއްސާ ކުރުން، ބަލިޖެހިފައިވާ މީހަކާ ޖިންސީ ގުޅުން ހިންގުން ނުވަތަ ހަށި ރައްކަލަށް ބޭނުން ކުރާ (ޕީޕީއީ) އާލާތް ބޭނުން ކުރުމަކާ ނުލާ، (ބަލިޖެހިފައި ވާ މީހާގެ) ތަންމަތި ބަދަލު ކުރުން ފަދަ ކަންކަން ކުރާ މީހުންނެވެ.
މަންކީޕޮކްސް ޖެހުމުން އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، އުނަގަނޑުގައި ރިއްސުން އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. އަދި ވަރުބަލިވެ، ކަމެއް ކުރާ ހިތްނުވެ މޫޑު ނެތުން ފަދަ އަލާމާތްތައްވެސް އެކުލެވެއެވެ.
ހުންގަނޑު ވިހެލަން ފަށާ ހިސާބުން ބިހިގަނޑެއް ނަގައެވެ. އާންމުކޮށް ފަށާނީ މޫނުންނެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ. އެންމެ ގިނައިން ފެންނަނީ އަތްތިލައިންނާއި ފައިތިލައިންނެވެ. މި ބިހިގަނޑަކީ ވަރަށް ގަދައަށް ހިރުވާ ބިހިގަނޑެކެވެ. އެތައް މަރުހަލާއެއް ކަޑަތު ކުރުމަށްފަހު ފާރުކޮޅަކަށް ބަދަލުވެ، ފާރުކޮޅުގެ މަތިވެއްޓެއެވެ. ފާރުވެއްޖެނަމަ ލަކުނުވެސްލައެވެ. މަންކީޕޮކްސްގެ އިންފެކްޝަންއިން ސަލާމަތްވުމަށް 14 ދުވަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.
އާންމުކޮށް މަންކީޕޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގާތުން ކޮންޓެކްޓް ވެގެންނެވެ. ގައިގެ ހަމުގައި ހަލާކުވެފައި ހުންނަ ތަންތަނުންނާއި ނޭވާލުމުގެ ނިޒާމުގެ ތެރެއިން ނުވަތަ ލޯ، ނޭފަތް ނުވަތަ އަނގަފަދަ ގުނަވަންތަކުންވެސް ވައިރަސް އެތެރެވެއެވެ. މިއީ ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއްކަމަށް ސިފަކޮށްފައި ނުވި ނަމަވެސް ގާތުން ކޮންޓެކްޓްވެގެން ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ބަލިޖެހިފައި ވާ ޖަނަވާރުގެ ކިބައިންވެސް ބަލި ފެތުރެއެވެ.
މަންކީޕޮކްސްއަކީ އާންމު ގޮތެއްގައި މާ ސީރިއަސް ބައްޔަކަށް ނުވި ނަމަވެސް، ހާލު ގޯސްވެ، މަރުގެ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.
މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައި ވަނީ ބަންދުކޮށްގެން ގެންގުޅުނު ރާމާމަކުނެއްގެ ހަށިގަނޑުންނެވެ. 1970ގެ ފަހުން، އެފްރިކާގެ ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މަންކީޕޮކްސްގެ ބަލިމަޑުކަން ފެތުރެއެވެ.
މަންކީޕޮކްސްއަށް ވަކި ފަރުވާއެއް ނޯވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރަނީ އިންފެކްޝަން ހުއްޓުވައިގެންނެވެ. ސްމޯލްޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިނަކީ، މަންކީޕޮކްސްއާ ދެކޮޅަށް 85 ޕަސެންޓް ކާމިޔާބު ވެކްސިނެއްކަމަށް ވާ އިރު، ބައެއް ހާލަތްތަކުގައި އެ ވެކްސިން ބޭނުން ކުރެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްގެ ކޭސްއެއް ރާއްޖެއިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށް ސަލާމުވުމަށް ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.