ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ދިވެހިންގެ ތާއީދު އޮތް ހަރަކާތެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފިއެވެ.

އިންޑިއާ އައުޓް ހަރަކާތުގެ ދަށުން ބެނާ ހަރުކޮށް، ފާރުތަކަށް ސްޕްރޭ ކުރުމުގެ އިތުރުން، މާލޭގެ މަގުތަކަށް ކަރުދާސް ވެސް އަޅާފައިވެއެވެ. އޭގެ އިތުރުން އިދިކޮޅުން މިހާރު ދަނީ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ސިލްސިލާ ގޮތެއްގައި އިހްތިޖާޖު ކުރަމުންނެވެ.

ނަޝީދު ވިދާޅުވީ، ސިޔާސީ ބޭފުޅުން އަމިއްލަ ބޭނުންފުޅަށްޓަކައި ދިވެހިން ބޭރު ދުނިޔޭގައި ބާކީވާނެ ފަދަ ކަންތައްތައް ނުކުރެއްވުމަށް ވިސްނަވަން ވާނެ ކަމަށާއި، އިންޑިއާ އައުޓް ހަރަކާތަކީ ދިވެހިންގެ ތާއީދު ނެތް ހަރަކާތެއް ނޫން ކަމަށް ސާބިތުވަމުންދާ ކަމަށެވެ. ސަބަބަކީ އެ ހަރަކާތުގައި ބައިވެރިވާ މީހުން މަދު ކަމުން ކަމުގައި، "ބާކީނުވޭ"ގެ ނަމުގައި ހޭޝްޓެގެއް ޖައްސަވައި ކުރެއްވި ޓްވީޓުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ އިތުރުން، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުންނާއި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވެސް ވަނީ "ބާކީނުވޭ" ހޭޝްޓެގް ބޭނުންކޮށްގެން އިންޑިއާ އާ އެކު ތިބިކަން ހާމަކޮށް ޓްވީޓްކޮށްފައެވެ. އެގޮތުން، ގައުމީ އެއާލައިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ޓްރެވަލް ކޮރިޑޯއެއް ހުޅުވާނުލި ނަމަ، ރާއްޖޭގެ ގިނަ މީހުންނަށް އެކަމުން ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރު އަހްމަދު އަންވަރު (ސިމްވާރު) ވިދާޅުވި ގޮތުގައި، ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުންތަކަށް ސީދާކޮށް އަދި ނުސީދާކޮށް ހުރަސް އެޅިގެން ދާ ފަދަ ކަންކަމުން ދިވެހިން ދުރުވާން ޖެހެއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހު ގަރާރެއް ނެރުއްވާފައެވެ. އޭގެ ފަހުންވެސް ބެނާ ފަދަ ތަކެތި ހަރުކޮށް، އިންޑިއާ އައުޓް ހަރަކާތް ހިންގަމުން އިދިކޮޅުން އެބަ ދެއެވެ.