ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް، މުއްދަތު ފަހަނައަޅައި ދިއުމުގެ ކުރިން ހުށަހަޅާފައިވާނެ ކަމަށް ޔާމީންގެ ވަކީލުން ބުނެފިއެވެ.
ރައީސް ޔާމީންގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ، ވ. އާރަށާ ގުޅޭގޮތުން ދައުލަތުން ޔާމީން މައްޗަށް ދައުވާކުރާ މައްސަލަތަކުގައި މިއަދުގެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި، ޔާމީން ދިފާއީ ވަކީލުންނަށް އެރި އޮޅުމެއްގެ ސަބަބުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ބަލައިގަތްކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާތީއެވެ.
ރައީސް ޔާމީންގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު އޮތް އަޑުއެހުމުގައި، ދައުލަތުންނާއި ދިފާއުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ޝަރީއަތުން ބަލައި ނުގަތް ނުގަތުމުގައި ޔާމީންގެ ވަކީލުންނަށް އެއްވެސް އޮޅުމެއް އަރާފައެއް ނުވާ ކަމަށެވެ.
އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭ މުއްދަތު ގުނުމުގައި ކްރިމިނަލްލް ކޯޓުން އަބަދުވެސް މުއްދަތު ގުނަމުން އައިސްފައިވަނީ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތުދޭ ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި އެދޭތރެއިން އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުލާ ކަމަށް ބަޔާނުގައި ބުނެއެވެ.
މި މައްސަލާގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތު ދެއްވާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަމަށާއި. އެހެންކަމުން ކްރިމިނަލް ކޯޓުން މުއްދަތު ގުނަމުން އައި ގޮތަށް ބަލާއިރު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދިން މުއްދަތު ހަމަވާނީ 10 މެއި 2022 ވަނަ ދުވަހު ކަމަށް ވެސް އެބަޔާނުގައި ވަނީ ފަހަގަކޮށްފައެވެ.
އެބަޔާނުަގއި އިތުރަށް ބުނީ، ޔާމީންގެ ފަރާތުން ހުށަހަޅާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅީ މިމަހު 9 ވަނަ ދުވަހު ކަމަށެވެ.
އެބަޔާނުގައި ބުނީ މިފަދައިން ބަޔާންކޮށް ޖަވާބު ދީފައިވާ ވ. އާރަށާ ގުޅޭގޮތުން ދައުލަތުން ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގައި ވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގައި ބަލާފައިވާނީ ކުރިމިނަލް ކޯޓުން މުއްދަތު ގުނުމުގެ އަމަލުކުރަމުން އައިސްފައިވާ އުސޫލަށް ކަމަށެވެ.
އެހެންކަމުން، ކުރިމިނަލް ކޯޓުގައި މިހާތަނަށް ވެސް މުއްދަތު ގުނަމުން އައީ ބަންދު ދުވަސްތައް ނުލައި ކަމަށްވާތީ އާއި ޔާމީންގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅި އެގޮތުގެމަތިން މުއްދަތު ގުނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ކަމަށްވާތީ، ޔާމީންގެ ވަކީލުން މިކަމުގައި އޮޅުމެއް އަރާފައި ނުވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ 15 ދުވަހުގެ މުއްދަތަކީ ހުށަހެޅުންތައް ހުށަހަޅަން ގާނޫނުގެ ދަށުން ދެވޭނެ އެންމެ ދިގު މުއްދަތު ކަމަށާއި އެ މުއްދަތުގައި ހުށަނާޅައިފި ނަމަ އިތުރު ފުރުސަތު ނުދެވޭނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.
އެހެންވެ، ޔާމީނާއި ޔޫސުފް ނައީމާއި ދައުލަތުން ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައިނުގަތުމަށް ނިންމެވީ ކަމަށް ވިދާޅުވިއެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މި ދެ ދައުވާ އުފުލާފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށާއި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ބުނެއެވެ.