ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްގެން ތިލަފުށިން މާލެއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ސަފާރީއެއްގައި ޖެހި ހިނގި ހާދިސާއެއްގައި އެ ދޯނި އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން ބުނީ، މާލޭގެ ހުޅަނގު ފަރާތު ޓީޖެޓީ ސަރަހައްދުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާ އާއި ގުޅިގެން، އެ ސަރަހައްދުގައި މާލޭގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ ޓިމްބާ ހައުސްގެ "ހުވަނދުމާ-2" ނަމަކަށް ކިޔާ ދޯންޏަކާއި، "ޔުސްވާ ޕްރިންސެސް" ނަމަކަށް ކިޔާ ސަފާރީއެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އެ ހާދިސާ އާ ގުޅިގެން "ހުވަނދުމާ-2" ދޯންޏަށް ލިބުނު ގެއްލުމާ އެކު، އެ ދޯނި އަޑިއަށް ދާތީވެ، ކޯސްޓްގާޑުން ވަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައި ކަމަށާއި، ދޯނި އަޑިއަށް ގޮސްފައިވަނީ ޓީޖެޓީ ސަރަހައްދަށް ވަތް ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"ހުވަނދުމާ-2" ދޯނި އަޑިއަށް ގޮސްފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ދޯނީގައި ހުރި ލަކުޑިތައް އޮޔާދާ މަންޒަރު އެ ފޮޓޯޓަކުން ފެނެއެވެ.ެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
އެމްއެންޑީއެފުން ބުނީ، ކެރޭނެއްގެ އެހީގައި މިހާރު އެ ދޯނި ފެންމަތިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.