ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް، މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ހުށަޅާފައިވާތީ، އެ ހުށަހެޅުންތައް ބަލައިނުގަންނަން ކޯޓުން ނިންމައިފިއެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މި ދެ ދައުވާ އުފުލާފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށާއި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ބުނެއެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ނަމަވެސް އެ މުއްދަތު ހަމަވި އިރު ދައުލަތުން ވެސް އަދި ރައީސް ޔާމީންގެ ފަރާތުން ވެސް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ 15 ދުވަހުގެ މުއްދަތަކީ ހުށަހެޅުންތައް ހުށަހަޅަން ގާނޫނުގެ ދަށުން ދެވޭނެ އެންމެ ދިގު މުއްދަތު ކަމަށާއި އެ މުއްދަތުގައި ހުށަނާޅައިފި ނަމަ އިތުރު ފުރުސަތު ނުދެވޭނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

އެހެންވެ، ޔާމީނާއި ޔޫސުފް ނައީމާއި ދައުލަތުން ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައިނުގަތުމަށް ނިންމެވީ ކަމަށް ވިދާޅުވިއެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.