ބަޖެޓެއް ނެތި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ވެސް ނުފުއްދޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން ރިޔާޒު ވަނީ ތ. ވޭމަންޑޫ، ކިނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އޮޅުންފިލުވުމަށް ސުވާލުކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ބަޖެޓް ހަމަނުޖެހި މަސައްކަތް ފެށޭނެ ތާރީހެއް އަދި ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއާ ގުޅޭ އެހެން މަސައްކަތްތައް މިނިސްޓްރީން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ މި މަޝްރޫއަކީ 522 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި، އެކަމަށް މި އަހަރުގެ ބަޖެޓްގައިވެސް ކަނޑައެޅިފައި އޮތީ، އެއް މިލިއަނެއްހާ ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަދަދަކީ މި މަޝްރޫއު ފެށްޓޭނެ ވަރުގެ އަދަދެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެކަށީގެންވާ ބަޖެޓެއް ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތް ފަށްޓަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަޅުގަނޑުމެން ހަމަ ޔަޤީނުން ވެސް ކުރުމުގެ ނިޔަތުގައިވާ ވައުދުތަކެއް. ބައެއް ފަހަރު ވައުދުވާއިރު، ވަރަށް ގިނަ ފަހަރަށް ވައުދުތައް ވެފައި ހުންނަނީ، ހުރިހާ ތަފްސީލެއް ވޯކްއައުޓް ނުކުރެވި ހުއްޓާ، އެހެންވެ، ބައެއް މައްސަލަތައް ބައެއް ފަަހަރު ވަރަށް ދިގުލައިދޭ، އޭގެ ތަފްސީލާ ޖެހުނީމަ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް ވަނީ މި ދައުރުގެ ތެރޭގައި އެ މަސައްކަތް ފެށުނު ނަމަވެސް މި ދައުރުގެ ތެރޭގައި އެ މަސައްކަތް ނުނިމޭނެ ކަމަށް ވިދާޅުވެފައެވެ.