ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ ސުލޫކީ މައްސަލައެއް ސާބިތުވެ، ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލާ ސަބަބެއްގެ ގޮތުގައި އެފަރާތުގެ "ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ" ކަމަށެވެ. އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައި ވަނީ ކުށުގެ ރެކޯޑު ފިޔަވާ އިތުރު އެހެން ހެކިވެސް ހުއްޓާކަމަށް ކޯޓަށް ފުލުހުން ހުށަހެޅި ލިޔެކިޔުމުގައި ފާހަގަ ކޮށްފައި ވަނިކޮށް ކަމަށް ޖޭއެސްސީން ބުނެއެވެ.
އަދި އެމައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ ސާފުކުރުމެއް ނެތި ހަގީގަތާ ހިލާފަށްކަން އެނގޭ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން އިތުރަށް ބުނީ ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލިކަން ޝަރީއަތުގެ މަޖިލީހުގައި އިއުލާނު ކުރިއިރު، އެފަރާތުގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ނެތް ކަމުގެ މައްޗަށް ރިއާޔަތް ކުރިކަން ފާހަގަކޮށްފައި ނު ކަމަށާއި މި ކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.
ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް ސިޔާމާ ގެ މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.
މިގޮތުން ސިޔާމާއަށް ނަސޭހަތް ދިނުމާއެކު ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.