ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ މަންކީޕޮކްސް ބަލީގެ ކޭސްތަކެއް އިޒްރޭލާއި ސުވިޓްޒަލަންޑްގެ އިތުރުން އޮސްޓްރިއާއިން ފެނިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

މިއާއެކު މަންކީޕޮކްސްގެ ކަށަވަރު ކޭސްތައް ފެނުނު ގައުމުތަކުގެ އަދަދު މިހާރު މިވަނީ 15 އަށް އަރާފައެވެ.

އިޒްރޭލާއި ސްވިޓްޒަލަންޑުން ވަނީ މަންކީޕޮކްސް ޖެހިފައިވާ މީހަކު ފެނިފައި ވާ ކަމަށާ، އެއީ ދާދި ފަހުން ބޭރު ދަތުރު ކުރި ބައެއްކަމަށް ހާމަކޮށްފައެވެ. އަދި ޝައްކު ކުރެވޭ އިތުރު ކޭސްތަކެއް ތަހުގީގު ކުރަމުން ދާ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

މި ފަހަކަށް އައިސް މަންކީޕޮކްސްގެ ކޭސްތައް އިތުރުވާން ފެށުމާއެކު ސައެންސްވެރިންނަށް ވަނީ ސިހުން ގެނުވާފައެވެ. ނަމަވެސް އާންމުންގެ ތެރޭގައި ބަލިމަޑުކަމެއްގެ ދަރަޖާގައި މި ބަލި ފެތުރިގެން ދިއުމުގެ ނުރައްކާ ކުޑަ ކަމަށްވެސް ސައެންސްވެރިން ގަބޫލު ކުރެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ވަނީ ޝައްކު ކުރެވޭ ކޭސްތަކެއް ތަހުގީގު ކުރަމުން ދާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ކޭސްތައް ފެނިފައި ވާ ގައުމުތަކުގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

މަންކީޕޮކްސް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފައިލް ފޮޓޯ: އިންޑިއަންނޭޝަން

މަންކީޕޮކްސްއަކީ އެފްރިކާ ސަރަހައްދުގައި އުޅޭ ބައްޔެއް ނަމަވެސް، އެ ސަރަހައްދަށް ދަތުރުކޮށްފައިވާ މީހަކާ ބައްދަލުވެފައި ނުވާ މީހުންގެ ހަށިގަނޑުންވެސް މި ބަލި ފެންނަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ އިސް އޮފިޝަލެއް ކަމަށްވާ ޑރ ސޫޒަން ހޮޕްކިންސް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ފެނިފައިވާ ކޭސްތަކަށް ބަލާއިރު، އެންމެ ގިނައިން ކޭސްތައް ފެނިފައި ވަނީ ތަރައްގީ ވެފައި ވާ ހިސާބުތަކުން ކަމަށާ، އެއްޖިންސުން ގުޅުން ހިނގާ ފިރިހެނުންގެ ފަރާތުން ފެނުނު ކޭސްތައް ގިނަ ކަމަށްވެސް ޑރ ހޮޕްކިންސް ވަނީ ފާހަގަ ކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައި ވާ މަންކީޕޮކްސްގެ ކޭސްތަކަށް ބަލާއިރު، ގިނަ ކޭސްތައް ފެނިފައިވަނީ ޖިންސީ ސިއްހަތާ ބެހޭ ކުލިނިކުތަކުންނެވެ.

މަންކީޕޮކްސް ޖެހުމުން އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، އުނަގަނޑުގައި ރިއްސުން އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. އަދި ވަރުބަލިވެ، ކަމެއް ކުރާ ހިތްނުވެ މޫޑު ނެތުން ފަދަ އަލާމާތްތައްވެސް އެކުލެވެއެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

ހުންގަނޑު ވިހެލަން ފަށާ ހިސާބުން ބިހިގަނޑެއް ނަގައެވެ. އާންމުކޮށް ފަށާނީ މޫނުންނެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ. އެންމެ ގިނައިން ފެންނަނީ އަތްތިލައިންނާއި ފައިތިލައިންނެވެ. މި ބިހިގަނޑަކީ ވަރަށް ގަދައަށް ހިރުވާ ބިހިގަނޑެކެވެ. އެތައް މަރުހަލާއެއް ކަޑަތު ކުރުމަށްފަހު ފާރުކޮޅަކަށް ބަދަލުވެ، ފާރުކޮޅުގެ މަތިވެއްޓެއެވެ. ފާރުވެއްޖެނަމަ ލަކުނުވެސްލައެވެ. މަންކީޕޮކްސްގެ އިންފެކްޝަންއިން ސަލާމަތްވުމަށް 14 ދުވަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.

އާންމުކޮށް މަންކީޕޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގާތުން ކޮންޓެކްޓް ވެގެންނެވެ. ގައިގެ ހަމުގައި ހަލާކުވެފައި ހުންނަ ތަންތަނުންނާއި ނޭވާލުމުގެ ނިޒާމުގެ ތެރެއިން ނުވަތަ ލޯ، ނޭފަތް ނުވަތަ އަނގަފަދަ ގުނަވަންތަކުންވެސް ވައިރަސް އެތެރެވެއެވެ. މިއީ ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއްކަމަށް ސިފަކޮށްފައި ނުވި ނަމަވެސް ގާތުން ކޮންޓެކްޓްވެގެން ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ބަލިޖެހިފައި ވާ ޖަނަވާރުގެ ކިބައިންވެސް ބަލި ފެތުރެއެވެ.

މަންކީޕޮކްސްއަކީ އާންމު ގޮތެއްގައި މާ ސީރިއަސް ބައްޔަކަށް ނުވި ނަމަވެސް، ހާލު ގޯސްވެ، މަރުގެ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.

މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައި ވަނީ ބަންދުކޮށްގެން ގެންގުޅުނު ރާމާމަކުނެއްގެ ހަށިގަނޑުންނެވެ. 1970ގެ ފަހުން، އެފްރިކާގެ ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މަންކީޕޮކްސްގެ ބަލިމަޑުކަން ފެތުރެއެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

މަންކީޕޮކްސްއަށް ވަކި ފަރުވާއެއް ނޯވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރަނީ އިންފެކްޝަން ހުއްޓުވައިގެންނެވެ. ސްމޯލްޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިނަކީ، މަންކީޕޮކްސްއާ ދެކޮޅަށް 85 ޕަސެންޓް ކާމިޔާބު ވެކްސިނެއްކަމަށް ވާ އިރު، ބައެއް ހާލަތްތަކުގައި އެ ވެކްސިން ބޭނުން ކުރެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްގެ ކޭސްއެއް ރާއްޖެއިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށް ސަލާމުވުމަށް ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.