މަދަހަ ރަން އަޑު ސީޒަން 3 ގެ ރަން އަޑުގެ ވެރިއަކަށް އެމްއެމްއޭސީ ގެ ދަރިވަރު އާއިޝަތު ޒަޔާ ޝަހީމް ހޮވިއްޖެއެވެ.

ޒަޔާއަށް ރައީއުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި ސައުދީ އެމްބަސީން ދޭ ކްރިސްޓަލް ޓްރޮފީ އާއި މިނިސްޓްރީ މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ދޭ އިނާމު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާގެ ސަފީރާއި މިނިސްޓަރު އޮފް އާޓްސް ކަލްޗަރާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

މުޅި މުބާރާތުން 1 ވަނަ ޒަޔާ އަށް ލިބުނު އިރު 2 ވަނަ ލިބުނީ ޒުވައިލް އަލީ ތޯރިގަށެވެ. އަދި 3 ވަނަ ލިބުނީ މުޝާތް މުސްތާގަށެވެ.

މަދަހަ ރަން އަޑު ސީރީސް އަކީ 2020 އިން ފެށިގެން މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރުން ބާއްވަމުން އަންނަ ސިލްސިލާ މަދަހަ މުބާރާތެކެވެ. މިއަހަރުގެ މުބާރަތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން 95 ބައިވެރިން މަދަހަ ކިޔާފައި ވެއެވެ. މިފަހަރުގެ މުބާރާތް ބާއްވާފައި ވަނީ ދިވެހިރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އެހީތެރިކަމާ އެކު ވީޓީވީ އާއި އެމްއެމްއޭސީ ގުޅިގެންނެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު މަތްރިކް އަލް ދޮސަރީއެވެ. މީގެ އިތުރުން މިނިސްޓަރު ޔުމްނާއާއި ސްޓޭޓް މިނިސްޓަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ފަންނީ ދާއިރާގެ އިސް ފަރާތްތައް ހިމެނެއެވެ.

ބެލުންތެރިންގެ ހޮވުމުން އަތޮޅު ފެންވަރުން 1، ވަނަ 2، ވަނަ 3 ވަނަ ހޮވާފައި ވާއިރު ކ. އަތޮޅުން ވާދަ ކުރި، އަޖްނާ ފާރިޒް ނިޒާރަށް ވަނީ 1 ވަނަ ލިބިފައެވެ. އަދި 2 ވަނަ ހއ. އަތޮޅުން ވާދަ ކުރި އަހްމަދު ލުޔޫން އަމްޖަދު ހޮވިފައި ވާއިރު 3 ވަނަ ލިބުނީ ފ. އަތޮޅުން ވާދަ ކުރި އިސްރާ ބިންތި މުހައްމަދު ޝިފާނަށެވެ.

މުޅި މުބާރާތުގެ ރަށު ފެންވަރުން ބެލުންތެރިން ހޮވާފައި ވަނީ 1 ވަނަ އަށް އާއިޝާ ޒާހިދު ގއ. ފަރެސްމާތޮޑާ އަދި 2 ވަނަ މަރްޔަމް އަޝާ ލަތީފް ސ. ހިތަދޫއެވެ. އަދި 3 ވަނަ އަށް އާއިޝަތު އަޝާ ޒިޔާދު، ޅ ކުރެންދޫއެވެ.

އިނާމު ދިނުމުގެ ޖަލްސާ ނިންމާލުމުގެ ކުރިން މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރުން ވަނީ މަދަހަ ރަން އަޑު ސީޒަން 4 އިއުލާނު ކޮށްފައެވެ.