ފަސް މީހުންނާ އެކު ރޭ ދަތުރުކުރަމުން ދިޔަ ލޯންޗެއް ގއ. ވިލިނގިލީގެ ނެރު މައްޗަށް އަރައި ހިނގި ހާދިސާ އާ ގުޅިގެން ހާލު ސީރިޔަސް ވި ތިން މީހުން މާލެ ގެންގޮސްފިއެވެ.

ރޭ 7:15 ހާއިރު އެ ހާދިސާ ހިނގާފައި ވަނީ އެ ލޯންޗު ވިލިނގިލީގެ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހިގެންނެވެ. އެ ހާދިސާ އާ ގުޅިގެން ދެ މީހަކު މަރުވެފައި ވާއިރު، ބާކީ ތިބި މީހުންނަށް ލިބުނު އަނިޔާތަކަށް އެ ރަށުގެ ހޮސްޕިޓަލްގައި ދިޔައީ ފަރުވާ ދެމުންނެވެ.

ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "ދަ ޕްރެސް" އަށް ރޭ ވިދާޅުވީ، އެ މީހުންގެ ހާލު ސީރިއަސް ކަމުން، އެ ތިން މީހުން މާލެ ގެނައުމުގެ މަސައްކަތް ރޭ ކުރަމުންދިޔަ އިރު އެކަކަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެ ރަށުގެ ކައުންސިލަރު ޝިފާއު އަހްމަދު "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ހާދިސާ އާ ގުޅިގެން ޒަހަމްވި ތިން މީހުންވެސް އިތުރު ފަރުވާ އަށް ރޭ މެންދަމު 2:00 ހާއިރު މާލެ ގެނައީ ޗާޓާ ފްލައިޓެއްގައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ، ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ މީހާ ރޭ ފަތިހު 4:00 ހާއިރު ޑޯނިއާގައި މާލެ އަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވެފައިވަނީ:

  • އަހްމަދު ޝާފިއު، އުރަހަ / ނ. ލަންދޫ (27އ)
  • މިސްބާހު އަބްދުލް މުހުސިން، ދޫރެސް / ގއ. ވިލިނގިލި (37އ)

އޭގެ ތެރެއިން މިސްބާހަކީ ނެރު މައްޗަށް އެރި "ނީމޯ" ލޯންޗުގެ ވެރި މީހާއެވެ.