ފަސް މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ގއ. ވިލިނގިލީގެ ނެރު މައްޗަށް އަރައި ހިނގި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިރޭ 7:15 ގައި، އެ ލޯންޗު ވިލިނގިލީގެ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހިގެންނެވެ.

ލޯންޗު ޖެހި ހިނގި އެ ހާދިސާގައި ދެ މީހަކު ކަނޑަށް ވެއްޓި ގެއްލިފައިވާއިރު، އެ ދެ މީހުން ވަނީ ފެނިފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރު، އެ ދެ މީހުން ވަނީ މަރުވެފައެވެ.

އެ ލޯންޗުން ދަތުރު ކުރި ދެން ތިބި މީހުންނަށް ވިލިނގިލި ހޮސްޕިޓަލްގައި ފަރުވާދެމުން ދާ ކަމަށާއި އެ މީހުންގެ ހާލު ސީރިޔަސް ކަމަށް، އެ ރަށު ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "ދަ ޕްރެސް" އަށް ވިދާޅުވިއެވެ.

ފުލުހުން ބުނީ، އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.