އިންޑިއާޣެ ބެންގަލޫރުގައި ކުރިއަށްދާ، އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަންގެ ޖޫނިއާ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުގައި ނަބާ ވަނީ އިންޑިއާގެ ކުޅުންތެރިޔާ، އާކީޝާ ގޯޝް ދެ ސެޓުން ބަލިކޮށްފައެވެ. އެގޮތުން ފުރަތަމަ ސެޓުގައި އަކީޝާ 3-1 ގެ ލީޑެއްގައި އޮތް ނަމަވެސް ނަބާ ވަނީ ފަހަތުން އަރާ ކުރި ހޯދާ 4-6 އެ ސެޓު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ސެޓު 2-6 އިން ނަބާ ވަނީ ކާމިޔާބުކޮށްފައެވެ.

މުބާރާތުގައި ބެންގަލޫރުގެ ކުޅުންތެރިންގެ އިތުރުން، ކަރްނާޓަކާ ސްޓޭޓްގެ އެހެން ސިޓީތަކަށް ނިސްބަތްވާ ކުޅުންތެރިންނާއި އިންޑީއާގެ އިތުރު ފަސް ސްޓޭޓަކަށް ނިސްބަތްވާ ކުޅުންތެރިން މުބާރާތުގައި ވާދަކުރިއެވެ. 14 އަހަރުން ދަށުގެ އުމުރުފުރައިގައި ވާދަކޮށް ނަބާ ކާމިޔާބު ހޯދާފައިވާއިރު އޭނާގެ އުމުރަކީ 12 އަހަރެވެ. އެހެންނަމަވެސް ނަބާއާ ވާދަކުރި އަކީޝާގެ އުމުރަކީ 14 އަހަރެވެ.

މި މުބާރާތް ނަބާ ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި ބެންގަލޫރުގެ ޕޭސް އޯޕަން ޖޫނިއާ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. އެެ މުބާރާތުގެ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ކުޅުނު ހަ މެޗު ވެސް ނަބާ ވަނީ ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑް ނަބާއަށް ވަނީ ލިބިފައެވެ.