މި ދަނޑިވަޅަކީ ދުނިޔޭގެ މަސްރަހުގައި އެންމެ އެކަހެރިކޮށް އޮތް އުތުރު ކޮރެއާގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރެމުން ދާ ދަނޑިވަޅެކެވެ. ބަލިން ދިފާއުވުމަށް ބޭނުން ކުރާނެ ވެކްސިނެއް ނެތް އިރު، އެންޓިވައިރަލް ޑްރަގް ލިބޭނެ ފަދައެއްވެސް އެ ގައުމުގައި ނެތެވެ.

މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރިގެން ދިއުމާއެކު ބަލިން ދިފާއު ހޯދުމުގެ ނަމުގައި އުތުރު ކޮރެއާއިން ބޯޑަރުތައް ބަންދު ކުރިއެވެ.

އަދާ ޖެހެންދެންވެސް އުތުރު ކޮރެއާގެ ލީޑާޝިޕުން ދިޔައީ، ބޭރު ދުނިޔެއިން އެ ގައުމަށް ހުށަހެޅި ސިއްހީ އެހީތަކަށް އިންކާރު ކުރަމުންނެވެ.

އުތުރު ކޮރެއާގެ ޚުދުމުޚުތާރު ލީޑަރު ކިމް ޖޮންގް އުންގެ

"ހުމެއްގެ" ނަމުގައި އުތުރު ކޮރެއާއިން ކޮވިޑް-19އަށް ރިއާޔަތް ކުރަމުން ދާ އިރު، އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ދަނީ، އެ ހުމުގެ ފަރުވާއެއްގެ ގޮތުގައި ގަދީމީ ބޭސްވެރިކަން އިހުތިޔާރު ކުރުމަށް އާންމުންނަށް އިރުޝާދު ދެމުންނެވެ.

އުތުރު ކޮރެއާގައި ފެތުރެމުންދާ "ހުން" ޖެހި، ހާލު ސީރިއަސް ނުވާ މީހުން އިނގުރު ނުވަތަ ހަނީސަކަލް ސައި ބުއިމަށް އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ، ރޮޑޯންގް ސިމްނަންއިން ވަނީ އިރުޝާދު ދީފައެވެ.

ހޫނު ބުއިންތަކަކީ ކޮވިޑް ޖެހުމުންވެސް ފެންނަ ބައެއް އަލާމާތްތައް ކަމަށް ވާ ކަރުގައި ރިއްސުމާއި ކެއްސުން ފަދަ ކަންކަމަށް ހިސާބެއްގެ ލުއިކަމެއް ހޯދާދޭނެ ކަމެކެވެ. އޭގެ އިތުރަށް، އެއީ ހުމެއްގައި ހަށިގަނޑުން އުނިވެގެންދާ ފެނުގެ ބައި ލިއްބައިދުނުމަށްވެސް އެހީވެދޭނެ ކަމެކެވެ. އިނގުރަކީ އިންފްލަމޭޝަން ކުޑަ ކުރުމަށް އެހީވެދޭ އެއްޗެކެވެ. ނަމަވެސް މިއިން އެއްވެސް އެއްޗަކީ ކޮވިޑް-19ގެ ފަރުވާއެއް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ރަސްމީ ކޮށް ކަނޑައަޅާފައި ވާ އެއްޗެއް ނޫނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެސްސީއެމްޕީ

މީގެ އިތުރުން ލޮނު ފެނުން ކަރުތެރެ ދޮވުމަށްވެސް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ދަނީ އިރުޝާދު ދެމުންނެވެ. އެގޮތުން ވެރިރަށް ޕިޔޮންގްޔޭންގްއަށް އެކަނިވެސް އެތައް ޓަނެއްގެ ލޮނު ފޮނުވާފައި ވާ ކަމަށް، އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ބައެއް ދިރާސާތަކަށް ބަލާއިރު ލޮލުން ކަރާއި ނޭފަތުގެ އެތެރެ ދޮވުމަކީ އާންމު އަރިދަފުސް ރޯގާ ޖައްސާ ވައިރަހާ ދެކޮޅަށް އެޅިދާނެ ފިޔަވަޅެކެވެ. ނަމަވެސް އެއީ ކޮވިޑް ފެތުރުން ހުއްޓުވިދާނެ ގޮތެއް ކަމަށް ބާރުދޭ ބުރަދަން ހުރި ހެއްކެއް އަދި ފެންނަން ނެތް ކަމަށް ހަބަރު ލިބެއެވެ.

ދިރާސާއަކުން ދައްކާފައި ވާ ގޮތުގައި މައުތުވޮޝްގެ އެހީގައި ވައިރަސް މަރާލެވެއެވެ. ނަމަވެސް އެއީ ލެބްގައެވެ. އިންސާނުންގެ ހަށިގަނޑުގައި އެކަން ކާމިޔާވީތީ ފެނިފައެއް ނެތެވެ.

ކޮވިޑް-19 އަކީ އެ ބަލި ޖައްސާ ވައިރަސް، ނޭވާލުމުގެ ތެރޭގައިވެސް ހަށިގަނޑަށް ވަންނަ ވައިރަހަކަށް ވާ އިރު، ކަރުތެރެ ދޮވެ ހަދައިގެން ހުރަސް ކުރިމަތި ކުރެވެނީ ވައިރަސް ވަންނަ އެންމެ މަގަކަށެވެ. ހަށިގަނޑު ތެރެއަށް ވައިރަސް ވަނުމަށްފަހު އެތެރެ ހަށީގެ ގުނަވަންތަކުގެ އެންމެ ފުނަށް ފީނައިގަނެއެވެ. އެހެން ކަމުން، ކިތަންމެ ދެން ކޯ ދޮވުނަސް ކުރާނެ ކަމެއް ނޯންނާނެއެވެ.

މީގެ އިތުރުން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ދަނީ ތަދުކަނޑުވާ ބޭސްތަކާއި އެންޓިބައޮޓިކްސް ބޭނުން ކުރުމަށްވެސް އެ ގައުމުގެ އާންމުންނަށް ލަފާ ދެމުންނެވެ. އެގޮތުން އިބޫޕްރޯފެންއާއި އެމްކޮސިސިލިން ފަދަ ބޭސްތައް ބޭނުން ކުރުމަށް ޕޭޝަންޓުންނަށް އިރުޝާދު ދެއެވެ.

އުބޫޕްރޯފެން (ޕެރަސެޓަމޯލް) އަކީ ހުން ވިހެލުމާއި، ރޯގާގެ އަސަރަށް ލުއި ކަމެއް ދޭ ބޭހެއް ނަމަވެސް އެއީ ވައިރަސް ހުއްޓުވާ ބޭހެއް ކަމެއް ހޯދިފައެއް ނެތެވެ. ދެން އޮތީ އެންޓިބައޮޓިކްސްގެ ވާހަކައެވެ. އެންޓިބައޮޓިކްސް ދީ އުޅެނީ ބެކްޓީރިއާގެ ސަބަބުން ޖެހޭ އިންފެކްޝަންތަކަށް ފަރުވާ ދިނުމަށެވެ. ވައިރަހަކަށް ނޫނެވެ. ބޭކާރު ގޮތުގައި އެންޓިބައޮޓިކްސް ބޭނުން ކުރުމަކީވެސް ނުރައްކާތެރި ކަމެކެވެ.

އުތުރު ކޮރެއާގައި ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: އޭޕީ

އުތުރު ކޮރެއާގެ ސިއްހީ ނިޒާމު ގާއިމު ކޮށްފައި ވަނީ އާންމު ރައްޔިތުންނަށް އުޖޫރައަކާ ނުލާ ސިއްހީ ހިދުމަތް ހޯދޭ ގޮތަށެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކާއި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އުތުރު ކޮރެއާގެ އިގުތިސޯދު ވަނީ ހީނަރުވެފައެވެ. ބޯޑަރުތައް ބަންދު ކުރުމުގެ ނޭދެވޭ އަސަރަކީވެސް ނުކޮށް ނުދާނެ އަސަރެކެވެ.

އުތުރު ކޮރެއާ ދޫކޮށް ދެކުނު ކޮރެއާއަށް އަމިއްލައަށް އަރުވާލެވުނު ބައެއް މީހުން ކިޔައިދީފައި ވާ ގޮތުގައި ބޭސް ހޯދުމާއި ފަރުވާ ލިބިގަތުމަކީ ވެރިކަން ކުރާ ޕާޓީގެ މެންބަރުންނަށް ލިބިފައިވާ އިމްތިޔާޒެކެވެ.

ކަން މިހެން އޮތް ނަމަވެސް އުތުރު ކޮރެއާއިން ވަނީ ބައިނަލްއަގުވާމީ އެހީގައި ކޮޅުފައިން ޖަހާފައެވެ. އަވަށްޓެރި އެހެން ނަމަވެސް ހަތުރުވެރި ދެކުނު ކޮރެއާއިންވެސް އެހީ ހުށަހެޅިއެވެ. ޗައިނާއިންވެސް އެހީ ހުށަހެޅިއެވެ. ނަމަވެސް އުތުރު ކޮރެއާއިން ވަނީ އެ އެހީތެރިކަމަށް އިންކާރު ކޮށްފައެވެ.