ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސޯދީ ދަތިކަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯދުމާ ގުޅޭ ކަންކަން ވިލަރެސް ކުރަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަމަޖައްސަވައިފި ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ މިއަދު ކުރެއްވި މަޝްވަރާގައި ލަންކާއަށް ދިމާވެފައި ވާ އިގުތިސޯދީ ހާލަތުން އަރައިގަތުމުގައި އެހީތެރިވެ ދެއްވަން ނަޝީދު ހުށަހެޅުއްވިއެވެ.

އެ މަޝްވަރާތަކުގައި ނަޝީދު އެހެން ވިދާޅުވުމުން، ލަންކާގެ ބޮޑުވަޒީރު ވަނީ ނަޝީދުގެ ހުށަހެޅުއްވުން ގަބޫލުކުރައްވައި، އެހީގެ ކަންކަން ވިލަރެސް ކުރުމަށް ނަޝީދު އައްޔަން ކުރައްވާފައެވެ.

ލަންކާއަށް އެހީ ހޯއްދަވައި ދެއްވަން ނަޝީދު ތައްޔާރަށް ހުންނެވީތީ ލަންކާގެ ބޮޑުވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސްރީލަންކާގެ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމުގެ ތެރެގައި އެ ގައުމުގެ ބޮޑުވަޒީރު ރާޖަޕަކްސާ އިސްތިއުފާ ދެއްވުމުން، ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެކްކެވި ވާހަކައިގައި ރަނިލް ވިކްރަމަސިންހަ ވަނީ، ގައުމުގެ އިގުތިސޯދު ނެގެހެއްޓެވުމުގެ ޗެލެންޖު ނަންގަވައިގެން ހުންނެވި ކަމަށާއި އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ، އެ ގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ ތަކުލީފުތައް އަޑުއިއްވުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެ، ރަނިލް ވަނީ ގާނޫނު ހަދާ މަޖިލީހުގައި އޭނާއަށް އޮތް އަޣުލަބިއްޔަތު ސާފުކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ސްރީލަންކާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކާރިސާއިން އަރައިގަތުމަށްޓަކައި ގައުމީ ފެންވަރުގެ ސިޔާސީ ކައުންސިލެއް އެކުލަވާލަންޖެހޭ ކަމަށް ރަނީލް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ވަކި ރާސްތާތަކަށް ބަހާލައިގެން ކުރު މުއްދަތާއި ދިގު މުއްދަތަކުގެ ޕްލޭންތަކެއް ތަންފީޒު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.