މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާއަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ގއ. ވިލިނގިލިން 10 ނޯޓިކަލްމޭލް ބޭރުން މަސްވެރިކަން ކުރަމުންދިޔަ "ކަޅިރަވަ" ދޯނީގައި ހުރި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ރިޕޯޓު ކުރުމުން އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސް ދީފައި ވާކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 47 އަހަރުގެ ދިވެހި މަސްވެރިއަކަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 14:32 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މަސްވެރިކަމަށް ނިކުމެ އުޅޭ މަސްވެރިންނަށާއި، ދޯނިތަކުގެ ފަޅުވެރިންގެ ލޮލަށް ބުޅި ހެރި އަނިޔާވާ ހާދިސާތައް މީގެ ކުރިން ވެސް ވަނީ ހިނގާފައެވެ. އެގޮތުން، މިފަދަ ހުރިހާ ހާދިސާއެއްގައި ވެސް އެމްއެންޑީއެފުން ދަނީ އާންމުންނަށް އެހިތެރިކަން ފޯރުކޮށްދެމުންނެވެ.