އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އައިޖީއެމްއެޗްގެ ނަރުސް ހަލީމަތު ލަމްހާ ވަނީ، ޕީޖީ އިން ވަކި މުއްދަތެއްގެ ތެރޭގައި ކަންކަން އަވަސް އަވަހަށް ކުރަން ހަދައިގެން އޭނާގެ މައިބަދައިގެ ހަލާކު ނުވާ ބައިވެސް ހަލާކުވަމުން ދާހެން ހީވާ ކަމަށް ބުނެފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި ލަމްހާ ބުނީ އިއްޔެ ނާރުގެ ޑޮކްޓަރަކަށް ދައްކަން އޭނާ މާފުށިން މާލެ ގެނައީ އޭނާގެ ހާލަށް ބަލާ ނުލައި ވަރަށް ކަނޑުގަދައިރު ކަމަށާއި އެއް ގަޑިއިރުގެ އެ ދަތުރަށް ފަހު އުނަގަނޑުގައި ވަރަށް ބޮޑަށް ރިއްސި ކަމަށެވެ.

"ޕީޖީއިން ވަކި މުއްދަތެއްގެ ތެރޭގައި ކަންކަން އަވަސް އަވަހަށް ކުރަން ހަދައިގެން ގޮސް އަޅުގަނޑުގެ ބެކްގަ ދެން ހުރި ބައިވެސް ހަލާކުވަމުން ދާހެން އަޅުގަނޑަށް ހީވަނީ"
ލަމްހާ

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

މި ތިން ދައުވާއަށް ވެސް ލަމްހާ ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން މި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް މިއަދު ވަނީ ހާމަކޮށްފައެވެ.

އެގޮތުން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުކުރުމަށް 110 ހެކި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ހެއްކަކީ ޝަފަހީ ހެކި ކަމަށް ވެސް ވަނީ ބުނެފައެވެ. އަނެއް ދެ ދައުވާ ސާބިތުކުރުމަށް 18 ހެކި ހުށަހަޅާފައި ވާއިރު އޭގެތެރޭގައި 11 ޝަފަހީ ހެކި ހިމެނެއެވެ. ދައުލަތުން ލިޔުމުން ތަފްސީލީ ގޮތެއްގައި ހެކިތައް ހުށަހަޅާ ސަބަބު ބަޔާންކޮށްފައި ވާތީ އަޑުއެހުމުގައި ކިޔައިދީފައެއް ނުވެއެވެ.

ދައުވާތަކަށް އިންކާރުކޮށްފައި ވާތީ ލަމްހާގެ ފަރާތުން ވެސް ވަނީ 11 ދިފާއީ ހެއްކެއް ހުށަހަޅާފައެވެ. އެގޮތުން މޭރީއާއި މާވިންގެ ދަރިފުޅު އަބަދުވެސް އެ ގެއަށް ގެނެސްގެން ބަލައިދޭކަން ސާބިތުކުރަން ލަމްހާގެ ގޭގައި ދިރިއުޅޭ އޭނާގެ މަންމަ އާއި ދައްތަގެ ހެކި ވަނީ ހިމަނާފައެވެ. އަދި ފުލުސް އޮފިސަރުންނާއި އައިޖީއެމްއެޗްގެ މުވައްޒަފުންގެ އިތުރުން މޭރީގެ އޮޓޮޕްސީ ރިޕޯޓު ހެދި ދެ ޑޮކްޓަރުން ވެސް ލަމްހާގެ ދިފާއުގައި ވަނީ ހުށަހަޅާފައެވެ.

ލަމްހާ ސާބިތުކޮށްދޭން ބޭނުންވަނީ ލަމްހާގެ ގެއިން ފެނުނު ބޭސްތަކަކީ ހަމައެކަނި އައިޖީއެމްއެޗްގައި ބޭނުންކުރާ އެއްޗެހި ނޫން ކަމަށާއި އެއީ ހަމައެކަނި އެސްޓީއޯއިން އެތެރެކުރާ ބޭސްތަނެއް ނޫންކަމެވެ. ފުލުހުން މެދުވެރިކޮށް ލަމްހާ ދިރިއުޅޭ ގެ ބަލައި ފާސްކުރި ކުރި ގޮތާއި ހޯދި ތަކެތި ސީލް ކުރި ގޮތް ސާފުކުރަން ބޭނުންވާ ކަމަށް ވަނީ ދިފާއުން ބުނެފައެވެ.

ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވެފައި ވަނީ ލަމްހާގެ ގެއިން ފެނުނު ބޭސްތަކަކީ ހަމައެކަނި އެސްޓީއޯއިން އެތެރެކުރާ ބޭސްތަކެއް ނޫންކަން ސާބިތުކުރުމަށް ކަސްޓަމްސްގެ ރިކޯޑުތަކެއް ހޯދަން އެދިފައިވާނެ ކަމަށާއި އެއް ބެޗް ނަންބަރުތަކެއްގެ ބޭސްތަކެއް އޭޑީކޭއާއި އަމިއްލަ ކްލިނިކްތަކުގައި ވެސް ހުރިކަން ސާބިތުކުރަން އެމީހުން މެދުވެރިކޮށް ވެސް މައުލޫމާތު ހޯދަން އެދިފައިވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ހެކިތައް ލިޔުމުން ހުށަހެޅުމަށް ލަމްހާއަށް ފުރުސަތު ދީފައެވެ. އަދި މިއަދު ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ވެސް ނިންމާފައެވެ.

ލަމްހާގެ ބަންދާ ގުޅޭ ގޮތުން މިއަދު ގޮތެއް ނިންމަން އޮތް ނަމަވެސް ދައުލަތުގެ ފަރާތުން ދިފާއުން ދީފައިވާ ރައްދަށް ލިޔުމުން ރައްދު ދީފައި ނުވާތީ ގޮތެއް ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް ދައުލަތުން ވަނީ ލަމްހާގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރު ދީފައިވާ ލަފަޔާ އެއްގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ލަމްހާއަށް އެއްވެސް ވަރަކަށް ބަރު އެއްޗެހި އުފުލަން ނުޖެހޭ ކަމަށާއި ފެން އިސްކުރަށް ގުޅާނެ ހަ ފޫޓުގެ ހޮޅިއެއް ދީފައިވާނެ ކަމަށާއި ސިޑިން އަރަންޖެހޭ ހާލަތްތަކުގެ އޮފިސަރުންގެ އެހީ ލިބޭ ކަމަށް ކަރެކްޝަނާ ހަވާލާދީ ދައުލަތުން ވަނި ފާހަގަކޮށްފައެވެ. އަދި ބަރާބަރަށް ޖަލުގައި ފިޒިއޮތެރަޕީ ދެމުން އަންނަ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން ކާއެއްޗެހި އަޅާވަގުތު ޖަލުތެރޭގެ މަސައްކަތު މީހަކު އައިސް އެކަން ކޮށްދޭ ކަމަށާއި އަތުން އެއްޗެހި ދޮވުމުގެ ބަދަލުގައި ކަރެކްޝަންސްގެ ލޯންޑްރީ ސާވިސް ބޭނުންކުރުމުގެ ފުރުސަތު ދިން ނަމަވެސް އެތަނުން އެއްޗެހި ދޮންނަން ބޭނުން ނުވާ ކަމަށް ލަމްހާ ބުނެފައިވާ ކަމަށް ވެސް ދައުލަތުން ބުނެއެވެ.

އެކަން ކަމަށް ރައްދު ދީ ލަމްހާ ބުނީ ފާހާނަ ޕްލަޝް ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން އަދިވެސް ބާލިދީ ބޭނުން ކުރަން ޖެހޭ ކަމަށާއި ފަހަތަށް އަދިވެސް ބިޑިއަޅުވާ ކަމަށެވެ.

"ދައުލަތުގެ ވަކީލުން އެ ދައްކަނީ ތެދެއް ނޫނޭ. އަދިވެސް ބިޑިއަޅުވާ. ހޮޅިއެއް އެކަނި ދިނީ، އާ ހޮޅިއެއް ދިން"
ލަމްހާ

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ވާހަކަ ދެއްކުމާއި ބަންދާމެދު ގޮތެއް ނިންމުމެވެ.

މޭރީގެ މަރުގެ މައްސަލައިގާ އޭނާގެ ފިރިމީހާއާއި ލަމްހާ ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެ މައްސަލައިގައި ލަމްހާގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރި މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.