ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްގީކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ކަނޑުއޮތްގިރިއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ބެލުމުގެ ދަށުގައި އޮންނަ ރަށަކަށްވާއިރު އެ ރަށަކީ އެކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށެކެވެ. އެގޮތުން ކަނޑުއޮތްގިރީގައި މިހާރު ގާއިމުކުރެވިފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ފެސިލިޓީ އެއެއްކަމުގައި ވީނަމަވެސް ކަނޑުއޮތްގިރީގެ ބަނދަރު ތިލަވެ އެއްގަމު ތޮށި ހަލާކުވެފައިވުމާއެކު އޮޑިދޯނިފަހަރަށް އެ ބަނދަރު ބޭނުންކުރުމާއި ފެސިލިޓީގެ ފުރިހަމަ ބޭނުންހިފުމަށް ވަނީ ދަތި ކަމަކަށް ވެފައެވެ. އެ ބަނދަރު ތަރައްގީކޮށް ނިމުމާއެކު މިފްކޯގެ އިތުރުން މަސްވެރިންގެ އޮޑިދޯނި ފަހަރަށްވެސް މި ބަނދަރު ބޭނުންކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންގޮސް ރައްޖޭގެ މަސްވެރިކަމުގު ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރުއެވެ.
އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން 10,000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 10,000 މީޓަރުގެ ނެރު ފުންކުރުމާއި 125 މީޓަރު އެއްގަމު ތޮށި އަދި 50 މީޓަރުގެ ބޭރުތޮށިލުމާއި 63 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެއިތުރުން 215 މީޓަރުގެ ޝީޓް ޕައިލް ކުރުމާއި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އެޅުމުގެ އިތުރުން އީއައިއޭ ހެދުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
365 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 36,132,701.77 މިލިޔަން ރުފިޔާއެވެ.
ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ހޯމަ ދުވަހު ފަށައިފާވާއިރު އެ މަޝްރޫއުގެ ދަށުން ކާޑެއްދޫގެ 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލައި 890 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަޝްރޫއަކީ 9.52 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.