އިސްރަށްވެހިންގެ ޕޯސްޓްޕެއިޑްގެ ނަމުގައި އުރީދޫ މޯލްޑިވްސް އިން ދޮށީ އުމރުގެ މީހުންނަށް ހާއްސަކޮށް ޕެކޭޖެއް ތައާރަފް ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި، އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކުރުމަށްޓަކައި، ތައާރަފް ކުރި "އިސްރަހަވެހިންގޭ ޕެކޭޖް" މެދުވެރިކޮށް 60 އަހަރާއި މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓްގެ އިތުރުން އާއިލާ އާއި ރައްޓެހިންނާއި ގުޅާލުމަށް ވައިބާ ބޭނުން ކުރުމަށް ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މި ޕެކޭޖަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ކްލަބް ޕްރިމިއާ ގޯލްޑް މެމްބަޝިޕާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފާތައް ވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

"އިސްރަށްވެހިންގެ ޕްލޭން" އަކީ، މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫ އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް ތައާރަފްކުރި ޕޯސްޓްޕެއިޑް ޕްލޭނެކެވެ. މި ޕްލޭނަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޕްލޭނެކެވެ.

މި ހާއްސަ ޕެކޭޖް އިފްތިތާހްކޮށް ދެއްވީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ. "އުރީދޫގެ ސީނިއާ ސިޓިޒަން "ޕޯސްޓްޕެއިޑް" އޮފާ އާއެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިއަދު މި ތައާރަފްކުރެވުނު އިސްރަށްވެހިންގެ ޕެކޭޖަކީ އުމުރުން ދުވަސްވީ މީހުނަށް ހާއްސަ ޕެކޭޖެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކުރުކޮށް، އާ ފުރުސަތުތަކާ ގުޅުވާލަދިނުން. ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން."
މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އިންޓަނެޓް މިވަނީ ވަރަށް ހަލުވިކަމާ އެކު ދިރިއުޅުމުގެ އަސާސީ ބޭނުމަކަށް ވެފައި ކަމަށެވެ. ޓެކްނޮލޮޖީއަށް މިހާރު ބަރޯސާވެފައި މިއޮތީ ހަމައެކަނި މުއާސަލާތު ކުރުމަށް އެކަނި ނޫން ކަމަށާއި މައުލޫމާތު ހޯދައި، އިގްތިސޯދު ކުރި އެރުވުމަށާއި، ރަނގަޅު ފެންވަރުގެ ސިއްހީ ހިދްމަތްތަކެއް ފޯރުކޮށް ދިނުމަށް ވެސް ޓެކްނޮލޮޖީ މުހިންމު ރޯލެއް އަދާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސް ރަށްވެހިންގެ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމުގެ ގޮތުން ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު ހަލުވިކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމަކީ 2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫއިން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކުދި ބޮޑު އެންމެހައި ބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތުތަކާއި ގުޅުވާލަ ދިނުމުގައި އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އުރީދޫން ބުނެއެވެ.