ސިލްސިލާކޮށް ފ. ދަރަނބޫދޫގެ ދަނޑުތަކަށް ވަދެ، ފަޅޯ ގަސްތައް ބުރިކޮށްލައި ގެއްލުން ދީފިއެވެ.

މިދިޔަ ހުކުރު ދުވަހުގެރެ އާއި ހޮނިހިރު ދުވަހުގެރޭ އިތުރުން، ރޭ ވެސް ދަރަނބޫދޫގެ ފަޅޯ ދަނޑުތަކަށް ވަނީ ގެއްލުން ދީފައެވެ. ތިން ދުވަހުގެ ތެރޭގައި އެ ރަށުގެ ތިން ދަނޑަކަށް ވަނީ ގެއްލުން ދީފައެވެ.

ދަރަނބޫދޫގެ ދަނޑެއްގައި ބުރި ކޮށްލާފައި ހުރި ފަޅޯ ގަސްތަކެއް ---

އެ ރަށު ކައުންސިލްގެ ރައީސް އަބްދުލްހަމީދު އާދަމް "ދަ ޕްރެސް" އަށް ވިދާޅުވީ ދަނޑުތަކަށް ގެއްލުން ދިން މީހުންގެ މައުލޫމާތު ހޯދަން މިހާރު ފުލުހުންނަށް ހުށަހަޅާފައި ވާކަމަށާއި ދަނޑަށް ގެއްލުން ދޭ ސަބަބު އަދި އެނގިފައި ނުވާ ކަމަށެވެ.

ދަރަނބޫދޫން ވާހަކަ ދެއްކި މީހަކު "ދަ ޕްރެސް" އަށް ބުނީ، ދަނޑުތަކަށް ގެއްލުން ދިނުމަކީ އެ ރަށުގައި އާންމު ކަމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ރަށުގައި ތިބޭ އުމުރުން ދުވަސްވީ މީހުން ދަނޑުވެރިކަން ކުރި ޒަމާނުގައި ވެސް ދަނޑުތަކަށް ގެއްލުން ދިނުން އޮވެއެވެ.

ދަރަނބޫދޫގެ ދަނޑެއްގައި ހުރި ފަޅޯ ގަހެއް ބުރި ކޮށް ވައްޓާލާފައި ---

އޭނާ ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ގެއްލުން ދިން ދަނޑަކީ ތަފާތު އެކި ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ހައްދާ ދަނޑެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ، ގެއްލުން ދިނީ ފަޅޯ ކަނޑަން ވެފައި ހުރި ގަސްތަކަކަށެވެ.

"ގާތްގަނޑަކަށް 20،000 އަށް ވުރެ ގިނަ ރުފިޔާގެ ގެއްލުމެއް. އެއީ 77 ކިލޯ ފަޅޯ. މި ނޫނަސް މި ހަފްތާ ތެރޭގަ އެކަން ވަރަށް އެބަ ކުރޭ." އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހެޅިފައި ކަމަށާއި، އެ ރަށު ކައުންސިލާއި ދަނޑުވެރިންނާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.