ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުވާލިބޭ މީހުންނަށް ނޯންނާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން އެ ނިންމުން ނިންމާފައިވަނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން އިބްތިދާއީ މަރުހަލާގައި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް މަދަނީ މިންގަނޑުން، ދަށު ކޯޓުތަކުން ނިންމާ ނިންމުންތައް ދައުވާލިބޭ މީހުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އެފަދަ މައްސަލަތައް ބަލަމުން ދަނިކޮށެވެ.

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު އޮތްގޮތުން އެފަދަ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށާއި އެކަމަކު ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ނިންމާ ނިންމުން އިސްތިއުނާފް ކުރެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ދައުވާއެއް ކުރިއަށް ނުގެންދަން ނިންމުމާއި ދައުވާއެއް ކުރިއަށް ގެންދަން ނިންމާ ނިންމުމުގެ ނަތީޖާ ގާނޫނީ ގޮތުން ތަފާތުވެފައިވާއިރު ދައުވާއެއް ކުރިއަށް ގެންދަން ނިންމަނީ ހެކިތަކުގެ ފުނަށް ވަޒަން ކުރުމަށް ފަހު ކަމަށް ނުވާތީ ދައުވާލިބޭ މީހާގެ ހައްގުތަކެއް ނުގެއްލޭނެއެވެ. އެއީ ޝަރީއަތުގެ މަރުހަލާގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ނިންމާއިރު ހެކިތައް ފުރިހަމައަށް ވަޒަންކޮށް ކޯޓުން ބުރަދަން ދޭނެތީއެވެ.

ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ކޯޓުތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެ ހުކުމުގައި ކަނޑައަޅާފައިވާއިރު އެ މިންވަރުގެ ހެކި ހުރިތޯ ބަލާނެ އުސޫލުތަކެއް ހުކުމުގައި ބުނެފައިވާނެއެވެ. އެގޮތުން ހެކިތަކަށް ބަލާއިރު ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރެއްޖެ ނަމަ ދައުވާ ކުރިއަށް ގެންދަން ނިންމަވާނެ ކަމަށާއި އެކަމާ ކުރެވޭ ޝައްކު ބޮޑުވެއްޖެނަމަ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމިދާނެ ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ހުކުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން ވެސް ތާއީދު ކުރެއްވިއެވެ.