ކުޑަކުދިންނަށް ޖިންސީ ގޯނާ ނުވަތަ ރޭޕް ކުރާ ވާހަކަތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ދައްކާ ވާހަކަތަކެކެވެ. ގިނަ ފަހަރަށް އެފަދަ ކަންކަން ސިއްރުވެފައި އޮތުމަށް ފަހު އެކަންކަން ހާމަވެގެން އަންނަ އިރު، އެ އަނިޔާ ލިބޭ ކުއްޖާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ހުންނަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މިއީ މިހާރު މި ކުޑަކުޑަ ދިވެހިރާއްޖެއިން ވެސް އާންމުކޮށް ފެންނަ މައްސަލައެއް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކުޑަކުއްޖަކަށް މިފަދަ އަނިޔާއެއް ލިބޭ ވާހަކައެއް އަޑު ނީވޭ މަހެއް ނުދެއެވެ. ރާއްޖޭގައި ދިމާވާ މިފަދަ އެތައް ހާސް މައްސަަލައެއް ރިޕޯޓް ކުރަމުންދާ އިރު އޭގެތެރެއިން މީޑިއާ މެދުވެރިކޮށް ހަބަރުތަކުގައި ލިޔެ އާންމުވެގެން ދަނީވެސް މަދު މައްސަލަތަކެއްގެ ވާހަކައެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ފޭސްބުކްގައި ދައުރުވެފައިވާ ޕޯސްޓެއް ހިއްސާ ކުރައްވައި، އަގުހުރި މެސެޖެއް ދެއްވާފައެވެ. އެ މެސެޖަކީ އަދުގެ ދިވެހި މަންމައިންނާއި ބައްޕައިންނަށް މުހިންމު މެސެޖެކެވެ. އެތައް ކުދިންނެއް ޖިންސީ ގޯނާއާއި ރޭޕްގެ ޝިކާރައަކަށް ވެފައި ވަނީ މިފަދަ ސަބަބުތަކާ ހުރެކަމަށް ބެލެވޭ އިރު މައިންބަފައިން ހޭލުންތެރި ކުރުމަށް އެ މެސެޖަކީ ކޮންމެހެންވެސް އެނގެންޖެހޭ މެސެޖެކެވެ.

މިނިސްޓަރު އައިޝަތު އަލީގެ މެސެޖް: ކުދިންނަށް ވަގުތު ދީ އިތުބާރު ހޯދަން ވާނެ!

ކުދިންނަށް ދިމާވާ ކަންތައްތައް ހިއްސާ ކުރެވޭ ވަރުގެ ބެލެނިވެރިއަކަށް ވާން ކުއްޖާއަށް ވަގުތު ދީ، އިތުބާރު އުފައްދަން މަސައްކަތް ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެފައި ވެއެވެ. މިނިސްޓަރު ވާހަކައިގައި އެބައެއްގެ ދަރިންނަށް ރައްކާތެރިކަން ހޯދައިދޭނެ ބަޔަކީ އެބައެކެވެ. އެގޮތުން އަންހެން ދަރިއަކު އެހެން މީހެއްގެ އަތް މައްޗަށް އިތުބާރުކޮށް ދޫކޮށްލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދަރިން ސްކޫލަށް ގެންގޮސް ގެނައުމަށް ބެލެނިވެރިން ވަގުތު ހޯދަން ވާނެ ކަމަށާއި އެ ކުދިންނާއި މައިންބަފައިންނާ ދެމެދު ރަނގަޅު ރަހްމަތްތެރިކަމެއް ބިނާ ކުރަން ވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ / ފޮޓޯ: ރައީސް އޮފީސް

ހަމައެއާއެކު އެ ކުދިންނަށް މަޑުމައިތިރިކަން ދަސްކޮށް ދިނަސް، ނުދަންނަ މީހުންނަށް އިތުބާރު ނުކުރުމަށް ނަސޭހަތްތެރި ވާން ވާނެ ކަމަށް ވެސް ވިދާޅުވެއެވެ. އަދި ދުވަހާ ގުޅޭ ގޮތުން ސުވާލު ކުރުމަށާއި އާދަޔާ ހިލާފު ކަމެއް ދިމާވެއްޖެ ނަމަ އެއްވެސް ހުރަހެއް ނެތި އެ ވާހަކަ ހިއްސާ ކުރެވޭނެ ފަދަ އިތުބާރެއް ގާއިމް ކުރުމަށް ބެލެނިވެރިން އަބަދުވެސް މަސައްކަތް ކުރަން ވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އެފްބީ ޕޯސްޓް: 6 އަހަރުގެ ކުއްޖާ ރޭޕްގެ ޝިކާރައަށް ވީ ކިހިނެއް؟

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިއްސާ ކޮށްފައިވާ އެ ޕޯސްޓަކީ މަސައްކަތުގައި އަވަދިނެތި އުޅޭ ދެމަފިރިއަކު، އެމީހުންގެ 6 އަހަރުގެ ދަރިފުޅު ސްކޫލަށް ފޮނުވަން މީހަކާ ހަވާލުކުރުމުން ދިމާވި ހާދިސާ ހިއްސާ ކޮށްފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓަކީ ކޮންމެ މަޔަކު އަދި ބަފަކު ކިޔާލަން ރަނގަޅު ވާހަކައެއް އޮތް ޕޯސްޓެކެވެ. މީހަކަށް އިތުބާރުކޮށް 6 އަހަރުގެ ދަރިފުޅު ސްކޫލަށް ލާން ފޮނުވި ދެ މަފިރިންނަށް ލިބުނު ފިލާވަޅަކީ މިއަދު އަހަރެމެންގެ ތެރޭގައި ކޮންމެ ބެލެނިވެރިއަކަށް މުހިއްމު މެސެޖަކަށް ވާނެކަން ޔަގީނެވެ.

އެ ކުއްޖާ ކޮންމެ ދުވަހަކު ސްކޫލަށް ދާން ގެއިން ނިކުންނަނީ ސްކޫލަށް ދާންޖެހޭ ވަގުތަށް ވުރެ މާ ކުރިން ކަމަށް އެ ކުއްޖާގެ މަންމަ ބުނެއެވެ. އެގޮތުން އެކުއްޖާ ސްކޫލަށް ލައިދޭ ފިރިހެނަކު އަންނަ ކަމަށާއި އެ ގޮތަށް ހަމަޖައްސާފައި ވަނީ އެ ދެމަފިރިން ވަޒީފާގައި ބިޒީވެ އުޅޭތީ ކަމަށް އެ ކުއްޖާގެ މަންމަ ބުނެއެވެ. ކޮންމެ ދުވަހަކު ހެނދުނު 7:00 އާއި 7:15 އާ ދެމެދު އެ ކުއްޖާ ގެއިން ނިކުންނަ އިރު ކުއްޖާގެ މޫނުމަތިން އެ މަންމައަށް އާދަޔާ ހިލާފް އެއްވެސް ކަމެއް ނުފެންނަ ކަމަށް އެ މަންމަ ބުނެއެވެ.

https://www.facebook.com/aisthly/posts/10159212428623173

ނަމަވެސް އެ ކުއްޖާގެ މުދައްރިސް އަށް ފާހަގަވި ކަންކަން ހިއްސާ ކުރުމުން އެ މަންމަގެ ހިތް ކުދިކުދި ވެގެން ދިޔައެވެ. އެ ކުއްޖާ ސްކޫލަށް އަންނަނީ 8:30 ހާއިރު ކަމަށާއި އެ ކުއްޖާ ސްކޫލަށް އަންނަ އިރު ހުންނަނީ ރޮވި، ފެންކަޅި ވެފައި ކަމަށާއި ނަމަވެސް އެއީ ސްކޫލަށް ނުދާން ބޮޑާ ހާކާ ކުދިންވެސް އުޅޭތީ އެފަދަ ކަމެއްގެ ގޮތުގައި ޓީޗަރަށް ގަބޫލު ކުރެވުނު ކަމަށް ބުނެއެވެ. އެ ދުވަހުވެސް ސްކޫލަށް ދިޔަ އިރު އެ ކުއްޖާ ރޮވިފައި ހުރުމުން ސުވާލު ކުރީ ކަމަށް ޓީޗަރު ބުނެފައި ވެއެވެ.

އެ ކުއްޖާގެ މަންމަގެ ހިތް ފަޅައިގެން ދިޔަ ހަބަރަކަށް ވީ ޓީޗަރަށް އެކުއްޖާ ކިޔައިދިން ވާހަކަތައް ހިއްސާ ކުރި ހިސާބެވެ. ކޮންމެ ދުވަހަކު ސްކޫލަށް ގެންދިއުމުގެ ކުރިން އެ ފިރިހެން މީހާ އެކުއްޖާ ގެންދަނީ އެމީހާގެ ގެއަށެވެ. އެއަށް ފަހު އެކުއްޖާ ރޭޕްކޮށް، އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނާށޭ ބުނެއެވެ. މީހެއްގެ ގާތުގައި ބުނެފިއްޔާ މަރާލާނެ ކަމަށް އިންޒާރު ދީ ހަދާ ކަމަށް އެ ކުއްޖާ ޓީޗަރަށް ކިޔައިދިނެވެ.

އެތައް ފަހަރެއްގެ މަތިން އެ ކުއްޖާ ރޭޕްކުރި ކުށް އޭނާގެ މައްޗަށް ސާބިތުވެ އެމީހާއަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މިނިސްޓަރު އާއިޝަތު ހިއްސާ ކުރި ޕޯސްޓުގައި ވާ ފޮޓޯގައި ހުދު ހެދުމެއް ލައިގެން ހުންނަ ކުޑަ އަންހެން ކުއްޖަކު ފުރަގަސްދީގެން ހުންނަ މަންޒަރު ފެނެއެވެ. އަދި އެ ކުއްޖާގެ ހެދުމުގެ ބައެއް ލެއިން ތެމިފައިވާ ތަން ފެންނަން ހުރެއެވެ. މި ފޮޓޯ ގިނަ ބަޔަކަށް ސޯޝަލް މީޑިއާގައި ފެނިފައި އޮވެދާނެއެވެ. މިއީ މިދިޔަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެކެވެ. ޕޯސްޓް ފެނުނަސް އެ ޕޯސްޓުގައި ވާ ލިޔުން ނުކިޔާ ދޫކޮށްލުމަކީ ގިނަބަޔަކު ކުރާ ކަމެކެވެ.

ކިތަންމެ އިބްރަތްތެރި ވާހައެއް އޮތަސް ދިގުވެއްޖެ ނަމަ އެ ކިޔާލަން ވަގުތު ނޯންނަނީއެވެ. ނަމަވެސް މި މެސެޖަކީ ހަލަބޮލިވަމުން އަންނަ މި ދުނިޔެއާ އެއްވަރަށް ފައިހަމަ ކުރަން މަސައްކަތް ކުރާ މަސައްކަތުގެ މާހައުލުގައި ބިޒީވެ، ދަރިން ބަލަހައްޓަން އެހެން މީހެއްގެ އަތް މައްޗަށް ދޫކޮށްލާފައި ވަޒީފާއަށް ދާ ބެލެނިވެރިންނަށް އަގު ހުރި މެސެޖެކެވެ.