ތ. ކަނިމީދޫން ފަތުރުވެރިކަމަށް ހުށަހަޅާފައިވާ ބިމުގެ އިތުރުން، އެ ރަށް އެއްކޮށް ފަތުރުވެރިކަމަށް ހާއްސަ ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅުއްވާފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ބަންދަށް ފަހު މިއަދު ރައްޔިތުންގެ މަޖިލިސް ފަށާފައިވާއިރު، މި ދައުރުގެ ފުރަތަމަ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ ކަނިމީދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރައްވައިފައެވެ.

ރިޔާޒްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ:

  • އެ ރަށް ތަރައްގީ ކުރުމަށް މިނިސްޓްރީން ވިސްނުން ގެންގުޅޭ ކަމަށް
  • އެގޮތުން ވީހާވެސް އަވަހަކަށް އެ ރަށް ތަރައްގީ ކުރާނެ ފަރާތެއް ހޯދައި، ހަވާލުކޮށް، އެ ރަށް ތަރައްގީ ކުރުން ކަމަށް

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކަނިމީދޫން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ 10 ހެކްޓަރުގެ ބިން މިނިސްޓްރީން ބިޑަށް ހުށަހެޅުމުން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. އެހެންކަމުން، ކްރޮސް ސަބްސިޑީ އުސޫލުން އެ ރަށް އެއްކޮށް ދިނުމަށް ގަސްދުކޮށް، އެކަމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި، އެ އުސޫލުން ކަނިމީދޫގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އަންސޮލިސްޓަޑް ޕްރޮޕޯސަލެއް ހުށަހަޅާފައިވާ ފަރާތާ އެކު މިނިސްޓްރީން މަޝްވަރާ ކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެ އުސޫލުން ކަނިމީދޫ ކުއްޔަށް ދޭ އިރު، ސަރުކާރުން އެކަން ކުރަން ބޭނުންވަނީ ތ. އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމް ތަރައްގީ ކުރެވޭނެ ފަދަ ގޮތަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ވާނީ ކަނިމީދޫން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ 10 ހެކްޓަރުގެ ބިމުގެ އިތުރުން، އެ ރަށުގެ ބާކީ ބައި ވެސް ދިނުމަށް އެދި މިދިޔަ މަހު ހުށަހަޅުއްވާފައި ކަމަށެވެ.

"ތ. ކަނިމީދޫން މިހާރު ފަތުރުވެރިކަމަށް ކަނޑައަޅާފައިވަނީ 10 ހެކްޓަރުގެ ބިމެއް ކަމަށް ވާތީ، ކްރޮސް ސަބްސިޑީގެ މޮޑަލަށް ފަހި ކޮށްދިނުމުގެ ގޮތުން، އެ ރަށުގެ ބާކީ ބައިވެސް ފަތުރުވެރިކަމަށް ކަނޑައަޅައި ދެއްވުމަށް އެދި 13 އޭޕްރިލް 2022 ގައި ވާނީ ކަމާބެހޭ އިދާރާއަށް ހުށަހަޅާފަ."

"ތ. އަތޮޅުގައި ހުންނަ 852 އެނދަކުން ފަތުރުވެރިކަމަކުން އެދެވޭ ނަފާއެއް އެ އަތޮޅަކަށް ނުލިބޭ"

ވަޒީރާ ސުވާލު ކުރުމަށް ހުޅުވާލި އިތުރު ފުރުސަތުގައި ރިޔާޒް ވަނީ ކަނިމީދޫ ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ އަންސޮލިސްޓަޑް ޕްރޮޕޯސަލް ޕްރޮސެސް ކުރެވި، އެ މަސައްކަތް ހަވާލު ކުރެވި، މަސައްކަތް ފެށޭނެ ތާރީހާ މެދު ސުވާލު ކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތ. އަތޮޅަށް ފަތުރުވެރިކަމުގެ ނަފާ ބޭނުންވެއެވެ. ނަމަވެސް، އެ އަތޮޅުގައި ހިންގަމުންދާ 152 އެނދުގެ ކޯމާ ރިސޯޓާއި، އެ އަތޮޅުގެ ފަސް ރަށެއްގައި ހިދުމަތްދޭ ހަ ގެސްޓްހައުސްގެ 700 އެއްހާ އެނދަކުން އެ އަތޮޅަށް ފަތުރުވެރިކަމުން އެދެވޭ ފައިދާއެއް ނުލިބޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ކަނިމީދޫގެ މަސައްކަތް ނިންމައި އަވަހަށް ހުޅުވަން ސަރުކާރުން ބޭނުން ކަމަށާއި، މަސައްކަތް ކުރަނީ އެ މަގަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ސީދާ ތާރީހެއް ދަންނަވަން އަދި ދަތި ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ ކަނިމީދޫ ވެސް ހަމަ ވީ އެންމެ އަވަހަށް ހުޅުވުން އެއީ އަޅުގަނޑުމެންގެ މަގްސަދެއް. އިރާދަކުރެއްވިއްޔާ އެ މަގަށް މި މަސައްކަތް ކުރަނީ. ސީދާ ތާރީހެއް އަޅުގަނޑަށް ދަންނަވާކަށް ނޭނގޭ. އެއީ ބަޔަކާ އެއްކޮށް މަޝްވަރާ ކުރުމުގެ މަސައްކަތް،"

މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ ވަރަށް އަވަހަށް ކަނިމީދޫ ހުޅުވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ދާދި ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ހުރި 857 ގެސްޓްހައުސްތަކުގެ ތެރެއިން މިހާރުވެސް 659 ގެސްޓްހައުސަކުން އަންނަނީ ހިދުމަތް ދެމުންނެވެ. އެ 659 ގެސްޓްހައުސްގައި 12،696 އެނދުގެ ކެޕޭސިޓީ އެބަ ހުއްޓެވެ.