ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ހަވާލުކޮށްފިއެވެ.
އަލްހާން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 8 ޖަހާއިރަށެވެ. އަލްހާނަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.
އެކަމާ ގުޅިގެން އަލްހާން ވިދާޅުވީ އޭނާ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން އާންމު ފަރާތްތައް ބައިވެރިކޮށްގެން، ކުރި އޮންލައިން ފޮރެކްސްޓްރޭޑިންގެ މަދަނީ މުއާމަލާތާއި ގުޅިގެން އެމްއެމްއޭއިން އެ ކުންފުންނިން މަނީ ލޯންޑާ ކުރާކަމަށް ތުހުމަތުކޮށް ދޮގު އިލްޒާމު އަޅުވާ، ވިޔަފާރި ހުއްޓުވާފައިވާ ކަމަށެވެ. އަދި މަކަރާ ހީލަތުން މީހުންގެ ފައިސާ ނަގައިގެން މަނީ ލޯންޑާ ކުރި ކަމަށް އެ ކުންފުނީގެ އެހެން ހިއްސާދަަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުން މެދުވެރިކޮށް ކުރާ މަސައްކަތަކީ ކަނޑައެޅިގެން އެއްވެސް އަސާސެއް ނެތި ވިޔަފާރި ހުއްޓުވާލަން ކުރާ މަސައްކަތްތަކެއްކަން އަލްހާން ފާހަގަކުރިއެވެ.
ކިންގްސް ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު ގޮތް ނޭނގޭ ސްކީމްތަކުގައި އިންވެސްޓް ނުކުރަން ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އެ މައްސަލާގައި ފުލުހުން މީގެ ކުރިން ވަނީ އަލްހާންގެ ވިޔަފާރީގައި ބައިވެރިވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުކޮށްފައެވެ. އެއީ މެއި 19، 2019 ގައި ހައިލަމްގެ އެކައުންޓަށް 200،000 ރުފިޔާ ފޮނުވި މައްސަލައިގައި ކަމަށް ފުލުހުން ބުނެއެވެ.