ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެންބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގައި މިއަހަރުގެ 1000 ކުދިން ބައިވެރިވެ، ދުވެފިއެވެ.

ހަތަރު އުމުރު ފުރާއެއްގެ 1،000 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު މިދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 4 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެގޮތުން 4 އަހަރާއި 6 އަހަރާ ދެމެދު އުމުރު ފުރައިގެން ކުދިން ދުވެފައި ވަނީ 1.3 ކިލޯ މީޓަރަށެވެ. އަދި 6 އަހަރާއި 8 އަހަރާ ދެމެދު އުމުރު ފުރައިގެ ކުދިން ދުވެފައިވަނީ 2 ކިލޯ މީޓަރަށެވެ. މީގެ އިތުރުން 8 އަހަރާއި 10 އަހަރާ ދެމެދު ކުދިން 3 ކިލޯ މީޓަރަށް ދުވެފައިވާއިރު 10 އަހަރާއި 13 އަހަރާ ދެމެދު ކުދިން ދުވެފައި ވަނީ 4 ކިލޯ މީޓަރަށެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ. އަދި މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ފަސްވަނަ އަހަރެވެ.