އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރީ ބައެއް ނަންތައް އުނިކުރުމަށް ފަހު ކަމަށާއި ހަގީގީ ލިސްޓް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރޭ "ސަންގު ޓީވީ" އިން ގެނެސްދިން އެމްޑީޕީގެ ޗެއާޕާސަން ބަހުސްގައި ވާހަަކަ ދައްކަމުން ފައްޔާޒު ވިދާޅުވީ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަން ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހުމަދު އައްސަދު މިހާރު ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ޓީމުގައި ކަމަށާއި އެ ތަހުގީގަށް ކުރިއެރުން ނުލިބުނުނަމަ އެއީ އިންތިގެ ޓީމުގެ ކަމެއް ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ކެމްޕޭނުގައި ދައްކާފައިވާ ހުރި ވާހަކަތަކަށް ބަލާއިރު އިންތިއަށް ސަރުކާރާއެކު މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ސަރުކާރާއެކު މަސައްކަތް ކޮށްގެން ނޫނީ 2023 ގައި އެމްޑީޕީ އަށް ވެރިކަން ނުލިބޭނެ ކަަމަށެވެ.
ބަހުސްގައި ވާހަކަ ދައްކަވަމުން އިންތި ވަނީ ސަރުކާރުން ހިޔާނާތުގެ މައްސަލަތައް ބަލަން ނޫޅޭ ކަމަށާއި އެގޮތުން އެމްއެމްޕީއާރްސީ ކޮރަޕްޝަނާއި ވެންޓިލޭޓަރު ކޮރަޕްޝަން ބެލުމުގައި ސަރުކާރަށް ކުރިއެރުމެއް ހޯދިފައިނުވާ ކަމަށް ވިދާޅުވެފައެވެ.
އިންތި އަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި އޭނާގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އެއްވެސް ކޮރަޕްޝަނެއްގެ އަމަލެއްގައި ބައިވެރިވެފައިނުވާނެ ކަމަށާއި އެހެންކަމުން ޗެއާޕާސަންގެ މަގާމަށް އަންނަންވާނީ ނަޒާހަތްތެރި ބޭފުޅެއް ކަމަށް އިންތި ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުން މަޖިލީހާއި އެމްޑީޕީގައި 17 އަހަރު ވަންދެން އުޅުއްވާފައިވާ މީހަކަށްވުމުން ޗެއާޕާސަންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނެ ކަމަށް އިންތި ވަނީ ފާހަގަކުރައްވާފައެވެ.
އެ ވާހަކަތަކާ ގުޅިގެން ފައްޔާޒު ވިދާޅުވީ އިންތިއަކީ އިދާރީ ކަންކަމުގެ ތަޖުރިބާ އެއްވެސް ވަރަކަށް އޮތް ބޭފުޅެއް ނޫން ކަމަށާއި އެހެންކަމުން ޗެއާޕާސަންގެ މަގާމަށް ބޭނުންވަނީ އެފެކްޓިވް އެޑްމިނިސްޓްރޭޓަރެއްގެ ތަޖުރިބާހުރި މީހެއް ކަމަށާއި އެ ތަޖުރިބާހުރީ އޭނާގެ ކިބައިގައި ހުރި ކަމަށެވެ. އެކަމަށް ރައްދުދެއްވާ އިންތި ވަނީ އެމްޑީޕީއަކީ ކުންފުންޏެއް ނޫން ކަމަށާއި ޕްރޮޑަކްޓް ވިއްކައިގެން ރުފިޔާ ހޯދަން އެމްޑީޕީން މަސައްކަތް ނުކުރައްވާ ކަމަށާއި އެމްޑީޕީގެ މަސައްކަތަކީ އިންސާނީ މަސައްކަތެއް ކަމަށާއި އެ ޕާޓީން މަސައްކަތް ކުރާނީ ރައްޔިތުންނަށް ރަނގަޅުގޮތް ހޯދައިދޭން ކަމަށް ވިދާޅުވެފައެވެ.