ސައުދީ ސަރުކާރުން 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ހަވާލުކޮށްފިއެވެ.

އާންމުކޮށް ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ސައުދީން ހަދިޔާކުރާ ކަދުރު، ރަމަޟާން މަސް ފެށުމުގެ ކުރިން ލިބެއެވެ. ނަމަވެސް ފާއިތުވި ރަމަޟާން މަސް ނިމިގެން ދިޔައިރު ކަދުރު ނުލިބި ދިޔައީއެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ، ހުސްވި ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭ ކަދުރު ލިބޭނެ ކަމަށް ލަފާކޮށްފައެވެ. އެ މިނިސްޓްރީން އޭރު ބުނި ގޮތުގައި ކަދުރު ލިބުން ލަސްވެފައިވަނީ ކަދުރު މޫސުން ލަސްވުމުގެ ސަބަބުންނެވެ.

50 ޓަނުގެ ކަދުރު މިދިޔަ ބުރާސްފަތި ދުވަހު ގެނެސްފައިވާއިރު މިއަދު ވަނީ ހަވާލުކޮށްފައެވެ. އެހެންނަމަވެސް ކަދުރު ބަހާނެ ގޮތުގެ އުސޫލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކުރިއެކޭވެސް އެއްގޮތަށް މި އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހަކު ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރާއިރު، މިދިޔަ ރަމަޟާން މަހު ދެ ގުނަ މަދުން ކަދުރު ހަދިޔާކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދިއެވެ.

މިދިޔަ ރަމަޟާން މަހު ކަދުރު ބެހިއިރު އިސްކަން ދިނީ ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށެވެ. އެގޮތުން މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި ހިމެނުނު 10،944 މީހުންގެ ތެރެއިން ކޮންމެ މީހަކަށް ކަދުރު ޕެކެޓެއް ދީފައިވެއެވެ.