ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށް ސާބިތުވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުކޮށްފައި ވަނީ ރަނގަޅަށް ކަމާއި ނަޒާހާގެ ނަފްސާނީ ހާލަތު ބަޔާންކޮށްދޭ އެއްވެސް އެއްޗެއް އޭނާގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނެތް ކަމަށް ދައުލަތުން ބުނެފިއެވެ.
ނަޒާހާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމްގެ އެންމެ މަތީ މަރުހަލާގެ އިސްތިއުނާފީ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ވަނީ ގެންގޮސްފައެވެ. ނަޒާހާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) މަރާލި މައްސަލައިގެ ދިފާއުގައި ބުނަމުން އަންނަނީ އެކަން ކުރީ އަމިއްލަ ނަފުސަފު ރައްކާތެރި ކުރުމުގެ ދިފާއުގައި ކަމަށާއި ކުރީގެ ފިރިމީހާގެ ފަރާތުން އޭނާއަށް ތަކުރާރުކޮށް ބޮޑެތި ގެވެށި އަނިޔާތައް ލިބެމުން ދިޔަ ކަމަށެވެ. އަދި އެ ދުވަހުގެ އެ ހަމަލާއަކީ ވެސް ޝާޑުގެ ފަރާތުން އޭނާއަށް ލިބިދާނެ އަނިޔާއަކުން ސަލާމަތްވުމުގެ ގޮތުން އަމިއްލަ ނަފުސުގެ ދިފާއުގައި ދެވުނު ހަމަލާއެއް ކަމަށް ނަޒާހާ ބުނެއެވެ.
ނިމުމެއް ނެތް ގެވެށި އަނިޔާގެ ސަބަބުން ނަޒާހާއަށް ނަފްސާނީ ގޮތުން ވެސް ގިނަ އަސަރުތަކެއް ކޮށްފައިވާ ކަމަށް ބުނެ ދިފާއެއްގެ ގޮތުން "ބެޓާޑް ވިމެން ސިންޑްރޮމް" ވެސް ނަޒާހާގެ ފަރާތުން ނަގާފައިވާއިރު ދައުލަތުގެ ވަކީލު ސުޕްރީމް ކޯޓުގައި ވަނީ "ބެޓާޑް ވިމެން ސިންޑްރޮމް"އަކީ ފުރިހަމަ, މިނިވަން ދިފާއެއް ނޫން ކަމަށް ބުނެފައެވެ.
މީގެ އިތުރުން ނަފްސާނީ ހާލަތެއް މެދުވެރިފައި ވުމަކީ އޮޓަމެޓިކުން އެކަމުގެ ދިފާއު ލިބޭނެ ކަމެއް ނޫން ކަމަށާއި އެ ނަފްސާނީ ހާލަތު ކޯޓަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ދައުލަތުން ބުނެފައި ވާއިރު ނަޒާހާގެ ނަފްސާނީ ހާލަތު ބަޔާންކޮށްދޭ އެއްވެސް އެއްޗެއް އޭނާގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނެތެވެ.
ޝާޑުގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ނަޒާހާ ދެއްކި ވާހަކަތަކުގެ ތެރޭގައި ސާޑު މަރާލުމަކީ އޭނާ ގަސްދުގައި ކުރި ކަމެއް ކަމާއި އެހެންކަމުން އެކަން ސާބިތުވާން ބޭނުންވާ ކަމަށް ބުނެފައި ވާކަމަށް ދައުލަތުން ފާހަގަ ކުރިއެވެ.
މީގެ އިތުރުން ޝާޑުއާ ދިމާލަށް ނަޒާހާ ބުނެފައިވާ ކަމަށް ތަހުގީގުގައި ބަޔާންކޮށްފައިވާ އެއްޗެހި ދައުލަތުން ފާހަގަކޮށްފައި ވާއިރު އޭގެ ތެރެއިން "ތަޅާފޮޅަންޏާ ވަޅި ޖަހާނެ" ކަމަށާއި "މިއީ މަރުވާން ވެސް އުޅޭ އެއްޗެއް ނޫން ހުވާ," ބުނެފައިވާ ކަމަށް ދައުލަތުން ބުނެއެވެ.
ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް, އޭނާގެ މައްޗަށް ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައި ނުވަނީ ޝާޑުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައި ވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އަދި ނަޒާހާއަށް އިއްވާފައި ވަނީ ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ (25 އަހަރު) ގެ ޖަލު ހުކުމެކެވެ.