ސްރީލަންކާގައި އެކުލަވާލާ އާ ސަރުކާރެއްގެ ބޮޑުވަޒީރު ކަމުގެ މަގާމު ގަބޫލު ކުރެއްވުމަށް އިދިކޮޅު ލީޑަރު ސަޖީތު ޕްރޭމަދާސަ ތައްޔާރަށް ހުންނެވި ކަމަށް، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރު ލަކްޝްމަން ކިރިއެއްލާ ވިދާޅުވެއްޖެއެވެ.

ނަމަވެސް، ރައީސް ކަމުގެ މަގާމުން ގޮތަބާޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް އެމްޕީ ކިރިއެއްލާ ވަނީ ފާހަގަ ކުރައްވާފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އިދިކޮޅު އެމްޕީ އިތުރަށް ވިދާޅުވީ، ރައީސް ގޮތަބާޔާގެ ސާރުކާރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓަކަށް އެހުމަށް، މަޖިލީހުގައި އެޖެންޑާ ކޮށްފައި ވާ ކަމަށެވެ. އަދި ކުރިއަށް ހަފުތާ ތެރޭގައި އެކަމުގެ ބަހުސް ފެށޭ ވަރު ވާނެ ކަމަށްވެސް އެމްޕީ ކިރިއެއްލާ ވަނީ ވިދާޅުވެފައެވެ.

މި ފަހުން ސްރީލަންކާގައި ފެށި ނުރައްކާތެރި ކުރިމަތިލުންތަކާ ހަމަނުޖެހުންތަކަށް އަދިވެސް މަޑުޖެހުން އައިސްފައި ނުވާ އިރު، މިހާތަނަށް 9 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި މަޖިލީސް މެންބަރެއްގެ އިތުރުން 2 ފުލުހަކުވެސް ހިމެނެއެވެ. ޒަހަމްވީ މީހުންގެ އަދަދު 200 އަށް އަރާފައި ވާ އިރު، ގިނަ އިމާރާތްތަކެއްގައި ވަނީ ހުޅުޖަހާފައެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ، އެ މަގާމު ދޫކުރައްވާ، އަސްކަރީ ބޭހެއްގައި ހިމާޔަތް ހޯއްދަވާ ކަމަށް ހަބަރު ލިބޭ އިރު، އޭނާ މިވަގުތު ހުންނެވީ އިންޑިއާގައި ކަމަށްވެސް ވަނީ އަޑުތައް ފެތުރިފައެވެ. ނަމަވެސް އިންޑިއާއިން އެކަން ދޮގު ކުރެއެވެ. އިންޑިއާއިން ވަނީ ސްރީލަންކާގެ އާންމު ރައްޔިތުންގެ މަސްލަހަތު އިސް ކުރާނެ ކަމަށް، މީގެ ކުރިން ބުނެފައެވެ.